ވިލާތުގެ އިއްތިހާދު (އީޔޫ)އިން އިނގިރޭސިވިލާތް ވަކިވުމަށް އެގައުމުގެ ބޮޑުވަޒީރު ތެރޭސާ މޭ ހުށަހަޅުއްވާފައިވާ އެއްބަސްވުން (ބްރެގްޒިޓް ޑީލް) ބަލައިގަތުމަށް، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދެވަނަ ފަހަރަށް އިންކާރު ކުރައްވައިފިއެވެ.

ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ ސުންގަޑި ހަމަވާން 17 ވަރަކަށް ދުވަހަށްވެފައިވާއިރު، މޭގެ ހުށަހެޅުއްވުން ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 149 މެމްބަރެކެވެ.

މޭ ވިދާޅުވީ، އެއްބަސްވުމަކާއި ނުލާ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުމަށް މެމްބަރުންނަށް ވޯޓުލެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށާއި، އެކަންވެސް ފެއިލްވެއްޖެނަމަ، އިނގިރޭސިވިލާތުން ބްރެގްޒިޓް ޑީލަށް އަމަލުކުރުން ފަސްކުރަންވީތޯ ބެއްލެވުމަށްވެސް މެމްބަރުންނަށް ވޯޓެއް އެއްސެވިދާނެ ކަމަށެވެ.

އެއްބަސްވުމަކާއި ނުލާވެސް އިނގިރޭސިވިލާތުން ވީލާތުގެ އިއްތިހާދު ދޫކޮށްލާނީތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.