ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ މާހައުލެއް ނެތްކަމަށް އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެލައިނާ ބީ ޓެޕްލިޓްޒް އާއި ބައްދަލުކުރައްވާ ޕީޕަލްސް ނޭޝަނަލް ޕްރޮގްރެސް (ފީއެންސީ)ގެ ނައިބު ރައީސް، މުހައްމަދު ސައީދު ވިދާޅުވިއެވެ.
މުހައްމަދު ސައީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައި ކަމަށާ އެގޮތަށް ހުރެގެން މިނިވަން އިންސާފުވެރި އިންތިހާބެއް ނުލިބޭނެ ކްމަށެވެ.
"އަޅުގަނޑުމެން މިބުނަނީ އިންސާފުވެރި ތަހުގީގެއް ނޫނޭ ހިނގަނީ. ތަހުގީގެއް ކޮށްގެންތާ ޝަރީއަތަކާ ހިސާބަށް ދާންވާނީވެސް" ސައީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޔާމީން ހައްޔަރު ކުރުމުގެ އަނެއް ބޭނުމަކީ އިންތިހާބުގެ ނަތީޖާ އެމްޑީޕީން ބޭނުންވާ ގޮތަށް ނެރެން ބާރުއެޅުން ކަމަށެވެ. އަދި ރައީސް ޔާމީން ހައްޔަރު ކުރި މައްސަލައިގެ ރަނގަޅު ތަހުގީގެއް ނުހިންގުމަކީ މައްސަލައެއް ކަމަށާއި ރަނގަޅު ތަހުގީގެއް ހިންގާނަމަ އެކަން އިނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެންސީއާއި އެކު ބޭއްވި ބައްދަލުވުމުގައި ޔޫއެސް އެމްބެސެޑަރު، ވަނީ ރައީސް ޔާމީންއާ ގުޅިގެން ޕީއެންސީން ފާޅުކުރި ކަންބޮޑުވުންތައް ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން ހައްޔަރު ކޮށްފައި ހުރީ ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު މަނީ ލޯންޑަރިންގެ ހާދިސާގައެވެ. އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް މަންފާ ހޯއްދެވިކަމަށް ތަހުގީގުތަކަށް ސާބިތުވެގެންނެވެ. ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީވެސް އުސޫލުން ބޭރުން ކަމަށް ބުނެ އެމަނިކުފާނުގެ ސަޕޯޓަރުން މުޒާހަރާ ކޮށްފައިވެއެވެ. މި މުޒާހަރާ ތަކުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ މެންބަރުންނަށް ވޯޓު ނުދިނުމަށްވެސް ގޮވާލިއެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ގާނޫނުން ބޭރުން އޮޕަރޭޓު ކުރާ ސަރުކާރެއް ކަމަށްވެސް ގޮވާލިއެވެ.