އީޔޫގެ ގައުމުތަކާ ރާއްޖެއާ މެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމުގެ ޝައުޤުވެރިކަން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފާޅުކުރައްވައިފިއެވެ.

ހަތަރުވަނަ މޯލްޑިވްސް ޔޫރަޕިއަން ޔޫނިއަން ޕޮލިސީ ޑައިލޮގްގައި ހިމެނިވަޑައިގަންނަވާ ވަފުދުގެ ބޭފުޅުނާ ބައްދަލު ކުރައްވަމުން ރައީސް ވަނީ އީޔޫގެ ގައުމުތަކަށާއި ރާއްޖެއަށް ފައިދާ ވާނެ ސިޔާސަތުތަކެއް ކަނޑައަޅައި އެ ސިޔާސަތުތަކަށް އަމަލުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސަފީރުން ވެސް ވަނީ ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާ މެދު މަޝްވަރާ ކުރައްވައި އިގްތިސާދީ ގޮތުން ރާއްޖެއާއި އީޔޫގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމާމެދު މަޝްވަރާ ކުރައްވާފައެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާއި، އަންނަ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިހާބާ ބެހޭގޮތުން އީ.ޔޫގެ ވަފުދާއެކު ރައީސް މަޝްވަރާ ކުރެއްވިއެވެ. ރާއްޖޭން ބައިވެރިވި ވަފުދުގެ ވެރިޔަކީ ޝާހިދެވެ. އެ ވަފުދުގައި ދެން ހިމެނިވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ރައީސްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް އިންތިހާބަކީ މިނިވަން، އިންސާފުވެރި އަދި ވާދަވެރި އިންތިހާބަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވާނެކަމުގެ ޔަގީންކަން އެރުވިއެވެ. އެމަނިކުފާނު ވަނީ މި ސަރުކާރުން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ގަދައަޅައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ވަފުދުގެ ބޭފުޅުން ވަނީ މި ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާއަށް ތައުރީފު ކުރައްވައި މިހިނގާ ވެރިކަމުގެ ދައުރުގައި މަގާމުގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

އީޔޫއިން ބައިވެރިވި ވަފުދުގެ ވެރިޔަކީ މާގް އެވެ. އެ ވަފުދުގައި ދެން ހިމެނެނީ ފްރާންސް، ޖާމަނީ، ނެދަލެންޑްސް، އޮސްޓްރިއާ، ޗެކް ރިޕަބްލިކް، ސްވިޑްން، ޕޮލެންޑް، ރޮމޭނިއާ، އިޓަލީ އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި ސަފީރުންގެ ނައިބުންނެވެ.