ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް އެއްބާރުލުން ދެއްވައި ކޯލިޝަނާ އެކީ ދެމިހުންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫންގެ ފަރާތުން ވާދަ ނުކުރާ 11 ދާއިރާއަށް ސަރުކާރުގެ ފަރާތުުން ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާނެ ކަމަށް އެމްއާރްއެމް އިން ވެސް ވަނީ ބުނެފައެވެ.

މިއަދު ރައީސް އޮފީހުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް އާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ވިދާޅުވީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރއެމް) އާއި މައުމޫންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު ރައީސް ސާލިހްގެ ސަރުކާރަށް، އަބަދުވެސް އޮންނާނެ ކަމަށެވެ. އޭގެއިތުރުން ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ސަރުކާރުން މިހާރު ކުރިއަށް ގެންދާ އެކި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރައީސްކަން ލިބިވަޑައިގެން ރައީސް ސާލިހު ހުވާކުރެއްވި ފަހުން ރައީށް މައުމޫނާ ބައްދަލު ކުރެއްވި މިއީ ދެވަނަ ފަހަރެވެ.