މިއަދު ހައިކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެވެ. އަދި މިއީ މި މައްސަލައިގެ ބޭއްވި ފުރަތަމަ އަޑުއެހުން ވެސްމެއެވެ. ދެން އޮންނާނީ ހުކުމް އިއްވުން ކަން ހައިކޯޓުން ބުނި ނަމަވެސް ހުކުމް އިއްވާނެ ވަކި ދުވަހެއް އަދި ނުނިންމައެވެ.
ރައީސް ޔާމީންގެ މައްސަލަ މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުންނެވެ. އެހެންނަމަވެސް އެ އަމުރަކީ އާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމެއްގައި ކުރިމިނަލް ކޯޓުން ނެރުނު އަމުރެކެވެ.
ޔާމީންގެ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުއްވަފާނެ ކަމަށް ބުނެ ދައުލަތުން އެކަމަށް އެދުމުންނެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ، އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަން އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓުން ހާމަވެއެވެ.