ވޯޓު ކަރުދާހުގައި އިތުރު ލިޔުމެއް ލިޔެ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ބާތިލުވާނެ ކަމަށް ހުށަހެޅި އިސްލާހުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވައިފިއެވެ.

މި އިސްލާހަކީ "އިންތިހާބުތަކާބެހޭ އާންމު ގާނޫނު" އަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ. މި ބިލް ރައީސް ތަސްދީގު ކޮށްދެއްވީ މިއަދެވެ.

މިފަހަރު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނަސްފައިވާ އިސްލާހަކީ އެ ގާނޫނުގެ 56 ވަނަ މާއްދާގެ ހަތަރުވަނަ ނަމްބަރުގެ ފަހަތަށް ފަސްވަނަ ނަންބަރު އިތުރުކޮށް ނަންބަރު ތަރުތީބު ކުރުމެވެ. އިތުރުކުރި ފަސްވަނަ ނަންބަރުގައި ބުނެފައި ވަނީ، "މި ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު" ބާތިލުވާނެ ކަމުގައެވެ.

ޤާނޫނު ނަންބަރު 11/2008، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު، ފާސްކުރައްވާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާގައެވެ. މި ބިލު ހުށަހަޅާފައި ވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމުންނެވެ.

މި އިސްލާހު ތަސްދީގު ކުރައްވައިފި ނަމަ އީސީން އެ އިސްލާހަށް އަމަލުކުރަން މަޖުބޫރުވާނެ ކަމަށާއި ނަމަވެސް އެއީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނެ ކަމެއް ކަމަށް އީސީން ބުނެއެވެ.