ޓެރަރިސްޓް ހަނގުރާމަވެރިން ޕާކިސްތާނުގައި އަޅާފައިވާ ހުރިހާ އިމާރާތެއް ރޫޅާލުމަށާއި އެފަދަ ހަނގުރާމަވެރިންނަށް ޕާކިސްތާނުން ރައްކާތެރި މާހައުލެއް ހޯދުމުގެ ފުރުސަތު އިތުރަށް ފަހިކޮށްނުދިނުމަށް އިންޑިއާއާއި އެމެރިކާއިން ޕާކިސްތާނަށް ގޮވާލައިފިއެވެ.

އިންޑިއާއާއި އެމެރިކާއިން މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައި މިވަނީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކާލްއާއި ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކަކަށްފަހުގައެވެ.

އިންޑިއާއާއި އެމެރިކާއިންވަނީ، އެއްވެސް ގޮތަކުން ޓެރަރިޒަމްއަށް ހިތްވަރުދޭ ކޮންމެ ގައުމަކީ އެކަމަށް ޖަވާބުދާރީ ކުރެވެން ޖެހޭނެ ގައުމެއް ކަމަށް ބުނެފައެވެ.

އިންޑިއާއާއި އެމެރިކާގެ ހާރިޖީ އޮފިޝަލުން މަޝްވަރާ ކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި އަފްޣާނިސްތާނުގެ މަސްރަހާއި ގުޅުންހުރި މައްސަލަތައްވެސް ހިމެނޭ ކަމަށް އިންޑިއާގެ އެމްބަސީއިން އާންމުކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާއާއި އެމެރިކާއާއި ދެމެދު ޓެރަރިޒަމްއާއި ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި މިވަނީ، ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްމާގާއި ހަރަކާތްތެރިވަމުންދިޔަ އިންޑިއާގެ 40 އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުންގެ ފުރާނަ ގެއްލިފައިވާ ދަނޑިވަޅެއްގައެވެ.