އިތިއޮޕިއާގެ އެޑީސް އަބަބާއިން ފުރައިގެން ކެންޏާއަށް ދަތުރުކުރަމުންދަނިކޮށް އާދީއްތަ ދުވަހު ވެއްޓުނު އިތިއޮޕިއަން އެއާލައިންސް ފްލައިޓް އީޓީ302ގެ ފްލައިޓް ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރު ފެނިއްޖެއެވެ.

149 ފަސެންޖަރުންނާއި ކްރޫގައި ހިމެނޭ 8 މެމްބަރުންނާއިއެކު ދަތުރުކުރަމުންދިޔަ ބޮއިންގް 737 މެކްސް-8 މަރުކާގެ ބޯޓު ވެއްޓުނު ހާދިސާގައި، މި ފްލައިޓުން ދަތުރުކުރި އެންމެންވެސް ވަނީ މަރުވެފައެވެ.

އިތިއޮޕިއަން އެއާލައިންސްގެ އޮފިޝަލަކު ވިދާޅުވީ، ކަޅުފޮށިތައް ފެނުނަނަމަވެސް ހިސާބަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެއިން ލިބެނީ ކިހާ މައުލޫމާތެއްތޯ އަދި ޖެހޭނީ ބަލަންކަމަށެވެ.

އިތިއޮޕިއާއިން ފުރައިގެން ކެންޏާގެ ނައިރޯބީއަށް ދަތުރުކުރަމުންދިޔަ އީޓީ302 ވެއްޓުނީ، އުދުއްސާލިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ބޯޓަށް މައްސަލަތަކެއް ކުރިމަތިވާކަމަށް އެއާ ޓްރެފިކް ކޮންޓްރޯލަށް ޕައިލެޓް އެންގި ކަމަށާ، އަދި އަނބުރާ އިތިއޮޕިއާއަށް ޖެއްސުމަށްވެސް އެ ބޯޓަށް ހުއްދަ ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ޖެހުނީ ކުރިމަތިވީ ކޮންކަހަލަ މައްސަލައެއް ކަމެއް ނުވަތަ އެ ބޯޓު ވެއްޓުނީ ކީއްވެކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. ފެނުނު ކަޅުފޮށިތަކުން މިކަމަށް ޖަވާބެއް ލިބޭނެ ކަމަށް ގަބޫލުކުރެވެއެވެ.

އީޓީ302އިން 35 ގައުމެއްގެ ރައްޔިތުން ދަތުރުކުރިއިރު އެއާކްރޭޝް އިންވެސްޓިގޭޓަރުންނާއި ރެޑްކްރޮސްއިން ދަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މި ޓީމުތަކުން ހަރަކާތްތެރިވަނީ ބޯޓުން ދަތުރުކުރި މީހުންގެ ހަށިގަނޑުތަކާއި އެމީހުން ގެންގުޅުނު ތަކެއްޗާއި އުފުލި ތަކެތި އެއްކުރުމުގައެވެ.

ޚަބަރު ލިބޭ ގޮތުގައި ހާދިސާއާއި ގުޅުންހުރި އާ ތަފްސީލުތަކެއް ބުރާސްފަތި ދުވަހު ލިބޭނެއެވެ.

އާދީއްތަ ދުވަހުގެ ހާދިސާގައި ވެއްޓިފައިވަނީ މީގެ 5 ވަރަކަށް މަސްދުވަސް ކުރިން އިންޑޮނޭޝިއާގެ ޖާވާ ކަނޑަށް ވެއްޓުނު މޮޑެލްގެ މަތިންދާބޯޓަކަށްވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި އޮޕަރޭޓްކުރަމުންދާ ގިނަ އެއާލައިންތަކަކުންވަނީ ބޮއިންގް 737 މެކްސް-8 މަރުކާގެ މަތިންދާބޯޓުތައް ވަގުތީ ގޮތުން ގްރައުންޑުކޮށްފައެވެ.