2018 ވަނަ އަހަރަކީ ސޫރިޔާގެ ކުޑަކުދިންނަށް އެންމެ ނުރައްކާވި އަހަރު ކަމަށް އދއިން ބުނެފިއެވެ.

މިދަނޑިވަޅަކީ ސޫރިޔާގެ ހަނގުރާމަ 9 ވަނަ އަހަރަކަށް ދިގުލާދާން ފަށާފައިވާ ދަނޑިވަޅެވެ.

ކުޑަކުދިންނާއި ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ބުނީ ސޫރިޔާގެ އެކި ހިސާބުތަކުގައި 2018 ވަނަ ދިން ހަމަލާތަކުގައި މަރުވި ކުދަކުދިންގެ އަދަދު 1106 އަށް އަރާފައިވާކަމަށް އެ ޖަމިއްޔާއަށް ކަށަވަރުކުރެވިފައިވާކަމަށެވެ. މިއީ 2011 ވަނަ އަހަރު ސޫރިޔާގައި ހަމަނުޖެހުންތަކާއި ހަނގުރާމަ ފެށިފަހުން އަހަރެއްގެ ތެރޭގައި މިހާ ގިނަ އަދަދަކަށް ކުޑަކުދިން މަރުވި ފުރަތަމަ ފަހަރެވެ.

2018 ވަނަ އަހަރު މަރުވި ކުދިންގެ އަދަދު މިއަށްވުރެވެސް ހަގީގަތުގައި އިތުރުވެފައި އޮތުން އެކަށީގެންވާކަށްވެސް ޔުނިސެފުން ބުނެއެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑައިރެކްޓާ ހެންރިއެޓާ ފޯ ވިދާޅުވީ، ސޫރިޔާގެ ދާހިލީ ހަނގުރާމަ ހަމަ ދެންމެ ދެންމެ ނިމިދާނެ ކަމަށް ދުނިޔެއަށް މިހާރު ހީވި ނަމަވެސް، ހަގީގަތަކީ އެއީ ނޫންކަމަށެވެ. ސޫރިޔާގައި އެކި ހިސާބުތަކުގައި ކުޑަކުދިން އަދިވެސް ދިރިއުޅެމުންދަނީ ފާއިތުވީ 8 އަހަރު ދުވަހުވެސް އެކުދިން ދިރިރުއުނު ހާލުގައި ކަން ހެންރިއެޓާ ވަނީ ފާހަގަކުރައްވާފައެވެ.

ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ހަގީގީ ގެއްލުމާއި ކުރިމަތިލާ އެ ތަކުލީފު އުފުއްލަންޖެހިފައިވާ ބަޔަކީ ސޫރިޔާގެ ކުޑަކުދިން ކަމަށް ޔުނިސެފުން ބުނެއެވެ.

ސޫރުޔާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން އެތައް ހާސް ރެފިއުޖީންނެއް އުފެދިފައިވާއިރު، ރެފިއުޖީ ކޭމްޕުތަކަށް ވަންނަން އުޅުމުގެ ތެރޭގައި މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެކަނިވެސް ސޫރިޔާއިން 60 ކުދިން މަރުވެފައިވާކަމަށް އދގެ ތަފާސް ހިސާބުތަކުން ދައްކައެވެ.