ޔަމަނުގެ ކުޝާރް ޑިސްޓްރިކްޓްގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ގޮތަށް އާންމު ފަރުދުންގެ 20 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، އެކަމުގެ އިލްޒާމު، ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ފަރާތްތަކުން އެއްބަޔަކު އަނެއް ބަޔަކަށް އަމާޒުކޮށްފިއެވެ.

މަރުވި އާންމުންގެ ތެރޭގައި 10 އަންހެނުންނާއި 12 ކުޑަކުދިން ހިމެނެއެވެ.

ޔަމަނުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހޫތީންނަށް ތާއީދުކުރާ އަލް މަސީރާ ޓީވީއިން ބުނީ ހޯމަ ދުވަހު ވައިގެ މަގުން ހަމަލާތަކެއްދީ އާންމުންގެ ބަޔަކު މަރާލާފައިވަނީ ސައުދީ އިސްވެ އޮވެ އެކުލަވާލާފައިވާ އަސްކަރީ ކޯލިޝަނުން ކަމަށެވެ. ނަމަވެސް ސައުދީގެ އަލް އަރަބިއްޔާ ޓީވީއިން ބުނީ ހަޖޫރު ގަބީލާގެ މެމްބަރުންތަކެއް މަރާލާފައިވަނީ ހޫތީން ކަމަށެވެ.

އދއިން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ ހިއުމެނިޓޭރިއަން ކޯޑިނޭޓާ ލީސާ ގްރާންޑޭ ވިދާޅުވީ ބަޔަކު މަރުވި އިތުރު ބަޔަކަށް އެކި ވަރުގެ ޒަހަމްތަކެއް ދިން ދިނުން ސާފު އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. ހައްލުކުރެވި، ސުލްހަ ހޯދި، ހުއްޓުމަކަށް އައިސްފައި އޮންނަންޖެހޭ ހަނގުރާމައެއްގައި، މައުސޫމު ރައްޔިތުންތަކެއް މަރުވެގެންދާކަމީ ލަދުގަންނަންޖެހޭ ކަމެއް ކަމަށްވެސް އދގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ޔަމަނުގައި ކުރަމުންދާ ހަނގުރާމައަށް އަދިވެސް ހުއްޓުމެއް އައިސްފައި ނުވާއިރު އެގައުމުގައި ވަނީ އިންސާނީ ކާރިސާއެއް އުފެދިފައެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރާ ސޭވް ދަ ޗިލްޑްރަންއިން ލަފާކުރާ ގޮތުގައި، ހަނގުރާމާގައި ފާއިތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ޔަމަނުގެ 85000 ބަނޑަށް ޖެހިގެން މަރުވެފައިވުން އެކަށީގެންވެއެވެ.