ސަބަބުތަކަކީ އިޔާދަނުކުރެވިނި ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިކުރައްވާފައި އޮތުމާއި ދެ ޕާޓީއިންވެސް އަޒުލުކުރުމަށް ތާއީދުކުރުމުން މެނުވީ އެމެރިކާގެ ރިޔާސަތުން ޑޮނާލްޑް ޓްރަމްޕް އަޒުލުކުރުމަށް އެއްވެސް މަސައްކަތެއްކޮށްގެން ނުވާނެ ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސާ އަދި އިދިކޮޅު ޑިމޮކްރަޓުންނަށް ނިސްބަތްވެވަޑައިގަންނަވާ ނޭންސީ ޕެލޯސީ ވިދާޅުވެއްޖެއެވެ.

އެނޫން ގޮތަށް ޓްރަމްޕް އަޒުލުކުރުމަކީ ބޮޑު ހާޖާނުގަނޑެއްގެ ތެރެއަށް ގައުމު ވައްޓާލާނެ ކަމެއް ކަމަށް ޕެލޯސީ ވަނީ ވިދާޅުވެފައެވެ.

މިފަދަ މޭރުމަކުން ޕެލޯސީ ވާހަކަފުޅު ދައްކަވާފައިވަނީ ވޮޝިންގްޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ޓްރަމަޕަކީ އަޒުލުކޮށްގެން ގައުމު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވައްޓާލުމަށް ހައްގު ފެންވަރެއްގެ ބޭފުޅެއް ނޫންކަމަށްވެސް ޕެލޯސީ ވަނީ ސިފަކުރައްވާފައެވެ. އަދި އެ ނުރަނގަޅު މަގުން ކުރިއަށްދާން ފެނިވަޑައިނުގަންނަވާ ކަމަށްވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުއި ހުންނެވި އެންމެ އިސް އިދިކޮޅު މެމްބަރު ޕެލޯސީ ވަނީ ވިދާޅުވެފައެވެ.

މިދަނޑިވަޅަކީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި ރަޝިޔާގެ ނުފޫޒު ބޭނުންކުރައްވައިގެން ޓްރަމްޕް މަސައްކަތްޕުޅުކުރެއްވި ކަމުގެ ތުހުމަތުތަކަކާއި ގުޅުންހުރި މައްސަލަތަކެއްގެ ތަހުގީގު ފުޅާދާއިރާއެއްގައި ހިންގަމުންދާ ދަނޑިވަޅެކެވެ. މައްސަލައިގެ ތަހުގީގު ރިޕޯޓްގައި ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ޓްރަމްޕްއާއި މެދު ފިޔަވަޅު އެޅުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ފުރުސަތު އޮންނާނެއެވެ.

ރައީސްކަމުން ޓްރަމްޕް އަޒުލުކުރަން ނުޖެހޭ ކަމަށް ވިދާޅުވި ނަމަވެސް، ޓްރަމްޕަކީ ރިޔާސަތަށް "ފިޓް" ބޭފުޅެއް ނޫންކަމަށް ޕެލޯސީ ވަނީ ވިދާޅުވެފައެވެ. ވިސްނުމާއި ތޫނުފިލކަމުގެ އިތުރުން އުސްލޫބީ ސުލޫކަށް ބަލާއިރުވެސް ޓްރަމްޕަކީ ރައީސްކަމަށް "ފިޓް" ބޭފުޅެއް ނޫންކަމާށް ޕެލޯސީ ވަނީ ވިދާޅުވެފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޕެލޯސީ އިތުރަށް ވިދާޅުވީ ކޮންގްރެސްގައި އޭނާ ހޭދަކުރެއްވި 32 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައު އެމެރިކާގެ ސިޔާސީ މަސްރަހު މިހާ ސީރިއަސް މައްސަލަގަނޑެއްގެ ތެރެއަށް ދުވަހަކުވެސް ވެއްޓިފައި ނުވާކަމަށެވެ.

އެމެރިކާގެ ރިޔާސީ ތާރީހަށް ބަލާއިރު ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން އެންމެ ފަހުން އަޒުލުކުރި ރައީސަކީ ބިލް ކްލިންޓަންއެވެ. ނަމަވެސް ރިޔާސަތުގައި ދެމި ހުންނެވުމުގެ ފުރުސަތު، އެމެރިކާގެ ސެނެޓުން ވަނީ ބިލް ކްލިންޓަންއަށް އަރުވާފައެވެ.