2017 ވަނަ އަހަރުގެ ތެރޭގައި ވައިގެ އުދުހުންތަކުގައި ބޭނުންކުރަން ފެށީ ބޮއިންގް 737 މެކްސް-8 މަރުކާގެ މަތިންދާބޯޓުތައް ބޭނުންކުރާ ބައެއް އެއާލައިންތަކުން، އެއެއާލައިންތަކުގެ ފްލީޓްގައި ހިމެނޭ މި މަރުކާގެ މަތިންދާބޯޓުތައް ގްރައުންޑުކޮށްފިއެވެ.

އިތިއޮޕިއާއިން ފުރައިގެން 157 މީހުންނާއިއެކު ކެންޏާއަށް ދަތުރުކުރަމުންދަނިކޮށް އާދިއްތަ ދުވަހު މެކްސް-8 މަރުކާގެ މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވި ހާދިސާއާއި ގުޅިގެން މިމަރުކާގެ މަތިންދާބޯޓުތައް ގްރައުންޑުކުރި އެއާލއިންތަކުގެ ތެރޭގައި އިތިއޮޕިއަން އެއާލައިންސްއާއި ކޭމަން އެއާލައިންސް ހިމެނެއެވެ. މީގެ އިތުރުން، އެއާ ޗައިނާ، ޗައިނާ އީސްޓަން އެއާލައިންސް، ކުންމިންގް އެއާލައިންސް އަދި ސައުތު ޗައިނާ އެއާލައިންސްއިންވެސް ވަނި މި މޮޑެލްގެ މަތިންދާ ބޯޓުތައް ގްރައުންޑުކޮށްފައެވެ.

މީގެ ފސް ވަރަކަށް މަސްކުރިން އިންޑޮނޭޝިއާގައިވެސް ވަނީ މެކްސް-8 މަރުކާގެ މަތިންދާބޯޓެއް ވެއްޓި، އެއިން ދަތުރުކުރި އެންމެންގެ ފުރާނަ ގެއްލިފައެވެ.

މިހާ އާ މަތިންދާބޯޓުތަކެއްގައި އެއް ކަހަލަ މައްސަލަތަކެއް ޖެހިގެން ހިތާމަވެރި ހާދިސާތަކެއް ހިންގަމުންދާއިރު ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކޮށް، ބޮއިންގް ކުންފުންޏާއި ސުވާލުތައް ކުރިމަތިކުރަމުންނެވެ.

މުޅި ބޯޓުގެ ދިގުމިނުގައި 39.5 މީޓަރު އަދި ފިޔަގަނޑާއިއެކު ފުޅާމިނުގައި 35.9 މީތަރު ހުންނަ މެކްސް-8 މަރުކާގެ މަތިންދާބޯޓުތަކަކީ 210 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ. ބޮއިންގް ކުންފުނިން ވަނީ އާދީއްތަ ދުވަހުގެ ހާދިސާއާއި ގުޅިގެން "އިންތިހާއަށް ހިތާމަ" ކުރާކަމަށާއި، ތަހުގީގަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުންފުނީގެ ޓީމެއް ތަހުގީގުތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ.

ޖެޓް އެއާވޭޒްއާއި ސްޕައިސްޖެޓަކީވެސް މިމަރުކާގެ މަތިންދާބޯޓައް ބޭނުންކުރާ އެއާލައިންތަކަކަށްވާއިރު އިންޑިއާ ސަރުކާރުން ބުނީ ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ކުރަމުންދާކަމަށެވެ. މިކަމާއި ބެހޭ ގޮތުން އެ 2 އެއާލައިނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.