ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސާލިހް ތަސްދީގުކުރައްވައިފިއެވެ.
ރައީސްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުން ފައިސާ ދޫކުރެވޭ ގޮތަށް ކަނޑައަޅާ، ގާނޫނު ނަންބަރު 2009/8 އަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވީ އިއްޔެއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި މި އަހަރުގެ ފުރަތަމަ ދައުރުގެ ހަތަރުވަނަ ޖަލްސާގައެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެ ބިލް ފާސްކޮށްފައި ވަނީ ބިލް ކޮމެޓީގައި ދިރާސާކުރުމަށްފަހު އެއްވެސް ބަދަލެއް ނުގެނެސް އެދުވަހުގެ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އެކަމަކު، ބޭނުން ކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސަންޓް ކަމަށް ވެސް ގާނޫނަށް ގެނައި އިސްލާހުގައި ވެއެވެ.
މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަންގެ ގޮތުގައި ދޭ އަދަދަކީ 5000 ރުފިޔާއަށް ކަމަށް ގަނޫނުގައި ހިމެނެއެވެ. މިހާރު ގާނޫނުގައި އޮންނަނީ 2000 ރުފިޔާ ދޭ ގޮތަށެވެ. ނަމަވެސް ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ 5000 ރުފިޔާ ދޭން ފަށައިފައެވެ. ނަމަވެސް އެ އަދަދު ދެނީ ގާނޫނުގައި ނުހިމަނައެވެ.