ހަމަސްދުވަހުގެ މުއްދަތުގެ ތެރޭގައި ހިތާމަވެރި ދެ ހާދިސާއެއް ހިނގާ ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލިގެންދިޔަ ދަތުރުތަކުގައި ބޭނުންކުރި ބޮއިންގް ސެވަން ތްރީ ސެވަން މެކްސް-8 މަރުކާގެ މަތިންދާބޯޓުތައް، އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާ، އެ މޮޑެލްގެ ބޯޓުތައް ގްރައުންޑުކުރުމަށް ޗައިނާއިން އަމުރެއް ނެރެފިއެވެ.

މެކްސް-8 ބޯޓުތައް ގްރައުންޑު ކުރުމަށް ޗައިނާއިން އަމުރުކޮށްފައި މިވަނީ، އިތިއޮޕިއާއިން ފުރައިގެން ކެންޏާއަށް ދަތުރުކުރަމުންދަނިކޮށް އާދީއްތަ ދުވަހުގެ ވަގުތެއްގައި އިތިއޮޕިއަން އެއާލައިންސްގެ މަތިންދާބޯޓެއް ވެއްޓި، އެއިން ދަތުރުކުރި 157 މީހުން މަރުވި ހާދިސާއަށް ފަހުގައެވެ. މީގެ ފަސް ވަރަކަށް މަސްދުވަސްކުރިން ހަމަ މި މަރުކާގެ މަތިންދާ ބޯޓެއް، އިންޑޮނޭޝިއާގެ ޖާވާ ކަނޑަށް ވެއްޓި، އެ ބޯޓުން ދަތުރުކުރި އެންމެންވެސް ވަނީ މަރުވެފައެވެ.

މެކްސް-8 ބޯޓުތައް ގްރައުންޑްކުރުމަށް ޗައިނާއިން ނެރުނު އަމުރުގައި ބުނެފައިވަނީ މި މޮޑެލްގެ އާ މަތިންދާބޯޓުތަކަށްވީނަމަވެސް އިތިއޮޕިއާގެ ހާދިސާއާއި އިންޑޮނޭޝިއާގެ ހާދިސާގައި އެއްގޮތް ކަމެއް އެބަހުރި ކަމަށާއި، ދެ ބޯޓުވެސް ވެއްޓިފައިވަނީ ބޯޓު އުދުއްސާލިތާ މާ ގިނައިރުތަކެއް ނުވަނީސްކަމުން، މިމޮޑެލްގެ މަތިންދާބޯޓުގެ ސަލާމަތްތެރިކަމާއި ގުޅޭ ގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ބޭނުންވާކަމަށެވެ.

އިތިއޮޕިއާގެ މަތިންދާބޯޓު ވެއްޓުނީ ކީއްވެކަން އަދި ކަށަވަރުކުރެވިފައި ނުވި ނަމަވެސް، ހާދިސާ ހިނގުމުގެ ކުޑައިރުކޮޅެއް ކުރިން، މައްސަލަތަކާއި ކުރިމަތިވަމުންދާކަމަށް ޕައިލެޓް ބުނި ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ.

އާދީއްތަ ދުވަހު ވެއްޓުނު އިތިއޮޕިއާ އެއާލައިންސްގެ މަތިންދާބޯޓުން 33 ގައުމެއްގެ މީހުން ދަތުރުކުރަމުންދިޔައިރު، މިހިތާމާގައި މުޅި ދުނިޔެ ދަނީ ބައިވެރިވަމުންނެވެ.