އީރާނާ އިދިކޮޅު ޓެރަރިސްޓުންނާއި ކަނޑައެޅިގެން ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ، ޕާކިސްތާނަށް ޑިމާންޑް ކުރައްވައިފިއެވެ.

މިފަދަ ކަމަކަށް ރޫހާނީ ޑިމާންޑް ކުރައްވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންއަށް ފޯނުން ގުޅުއްވާފައި ކަމަށް މައުލޫމާތު ލިބެއެވެ. މި ފޯނު ކޯލު ކުރައްވާފައި މިވަނީ، އީރާނުގެ ސަލާމަތީ ގާޑުންނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް އަމާޒުވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސްފަހުންނެވެ.

އީރާނުން ތުހުމަތު ކުރާ ގޮތުގައި ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހު އީރާނުގެ 27 ރިވޮލޫޝަނަރީ ގާޑަކު މަރާލި ބޮމުގެ ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ މީހަކު އަމިއްލައަށް މަރުވެގެންނެވެ. މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ޖާއިޝް އަލް އާދިލު ނުވަތަ އިންސާފުގެ އަސްކަރިއްޔާގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން ކަމަށް ވާއިރު، މި ޖަމާއަތް ވަޒަންވެރިވެ އޮންނަނީ ޕާކިސްތާނުގައި ކަމަށްވެސް އީރާނުން ތުހުމަތު ކުރެއެވެ.

ޖިހާދުގެ ނަމުގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިންނަށް ޕާކިސްތާނުގެ އަސްކަރިއްޔާއާއި ޖާސޫސީ އިދާރާތަކުން ހިމާޔަތްދީފައިވާކަމަށް ތުހުމަތުކޮށް، އީރާނުންވަނީ އެގައުމުގައި ހުންނަވާ ޕާކިސްތާނުގެ އެމްބެސެޑަރުވެސް ހާޒިރުކުކޮށްފައެވެ.