ފަލަސްޠީނުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް، ޕަލަސްޓައިން އޮތޯރިޓީގެ ރައީސް މަޙްމޫދު އައްބާސްގެ އަރިސް ބޭފުޅެއް ކަމަށްވާ މުޙައްމަދު އިޝްތިޔާ ހަމަޖައްސަވައިފިއެވެ.

ރިޔާސީ ތަރުޖަމާނު ނަބީލް އަބޫ ރުދައިނީ ވިދާޅުވީ، ފަތަހަ ޕާޓީގެ ސެންޓަރަލް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި އައްބާސްވަނީ އިސްތިޔާ ބަލައިގަންނަވާފައި ކަމަށާ، ފަލަސްޠީނުގެ އާ ސަރުކާރު އެކުލަވާލުމަށްވެސް އާ ބޮޑުވަޒީރަށް ދަންނަވާފައިވާކަމަށެވެ.

މުރާސިލުން ސިފަކުރާ ގޮތުގައި، ބޮޑުވަޒީރު ކަމުން ވަކިވެވަޑައިގަންނަވާ ރާމީ ޙަމްދުﷲގެ ބަދަލުގައި، އުމުރުފުޅުން 61 އަހަރުގެ އިޝްތިޔާ ހަމަޖެއްސެވުމަކީ، ޣައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތް އިތުރަށް އެކަހެރިކޮށްލެއްވުމަށް އައްބާސް އެޅުއްވި ފިޔަވަޅެކެވެ.

ފަލަސްޠީނުގައި ކުރިން އޮތް ސަރުކާރަކީ ފަލަސްޠީނުގެ ސިޔާސީ މަސްރަހު ޑޮމިނޭޓް ކުރަމުން އަންނަ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ ފަތަހަ ޖަމާއަތާއި ހަމާސް ޖަމާއަތާއި ދެމެދު ގުޅުން ބަދަހިވެފައި އޮތް ދުވަސްވަރެއްގައި އެކުލަވާލި ސަރުކާރެކެވެ. ނަމަވެސް މި ދެޖަމާއަތުގެ ގުޅުން މިހާރު އިންތިހާއަށް ހީނަރުވެފައިވާއިރު، އާ ސަރުކާރު ވެގެންދާނީ ފަތަހަ ޖާމައަތުން ޑޮމިނޭޓް ކުރާނެ ސަރުކާރަކަށް ކަމުގައި ބެލެވެއެވެ.

ހަމާސްގެ ތަރުޖަމާނު ފައުޒީ ބަރުހޫމް ބުނީ ފަލަސްޠީނުގައި އެކުލަވާލާ އާ ސަރުކާރަކީ މުޅި ފަލަސްޠީނުގެ ރުހުން ލިބިގެން އެކުލަވާލާ ސަރުކާރަކަށް ނުވުމާއިއެކު، ވަކިވެގަތުމަށް މަސައްކަތްކުރާ ފަދަ އުސޫލަކުން އެކުލަވާ އާ ސަރުކާރު އެ ޖަމާއަތުން ބަލައި ނުގަންނާނެ ކަމަށެވެ.

ފަލަސްޠީނުގެ ބޮޑުވަޒީރު ކަމަށް ހަމަޖައްސަވާފައިވާ އިޝްތިޔާއަކީ، އެމެރިކާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން އިސްރާއީލާ ފަލަސްޠީނާއި ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ޓީމުގައި ހިމެނިވަޑައިގެންނެވި، އަދި ފަލަސްޠީނުގެ އޭރުގެ ސަރުކާރުގެ ވަޒީރެކެވެ.