ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފިއެވެ.

މިލިއަނެއްހާ ވޯޓުލާ މަރުކަޒުގައި 900 މިލިއަނެއްހާ މީހުން ވޯޓުދޭ އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ 7 ފޭސްއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސްގެ ވޯޓުލުން އޭޕްރިލް 11 ގައި ކުރިއަށްދާއިރު، ދެވަނަ ފޭސްގެ ވޯޓުލުން ކުރިއަށްދާނީ އޭޕްރިލް 18ގައެވެ. 3 ވަނަ ފޭސް އޭޕްރިލް 23، 4 ވަނަ ފޭސް އޭޕްރިލް 29 ގައި ކުރިއަށްދާއިރު، 5 ވަނަ ފޭސްއިން ފެށިގެން 7 ވަނަ ފޭސްގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހާއި 12 ވަނަ ދުވަސް އަދި 19 ވަނަ ދުވަހުއެވެ.

އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުގުނަން ހަމަޖައްސާފައިވަނީ މެއި މަހުގެ 23 ވަނަ ދުވަހުއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ޗޭމްބަރަށް މެމްބަރުން ހޮވުމަށް ކުރިއަށް ގެންދާ އާންމު އިންތިހާބާއިއެއްކޮށް، އިންޑިއާގެ ސްޓޭޓް އެސެމްބްލީތަކަށްވެސް މެމްބަރުން ހޮވުމަށް ވޯޓުލުން ކުރިއަށްދާނީ މި އުސޫލުންނެވެ. ނަމަވެސް ޖައްމުއާއި ކަޝްމީރުން މި އިންތިހާބުގައި ބައިވެރިނުވާނެ ކަމަށް ޚަބަރު ލިބެއެވެ.

ވޯޓުލުމާއި، ގުނުމާއި ނަތީޖާ އިއުލާން ކުރުމުގައި މާ ބޮޑު މައްސަލަތަކެއް ނުޖެހޭ ކަމުގެ ރެކޯޑް ދަމަހައްޓަމުން އަންނަ އިންޑިއާގެ އިންތިހާބުތަކާއި ބެހޭ ކޮމިޝަނަށް މިފަހަރު ދަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންނެވެ. އެގޮތުން މިފަހަރުގެ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިންގް މެޝިން ބޭނުންކުރަން ހަމަޖެއްސުމާއިއެކު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ އެކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

އިންޑިއާގެ ޗީފް އިލެކްޝަންސް ކޮމިޝަނަރު ސުނީލް އަރޯރާ ވިދާޅުވީ، އިލެކްޓްރޯނިކް މެޝިންގެ ޒަރިއްޔާއިން ވޯޓުލީ ކަމުގައި ވީނަމަވެސް، އެމީހަކު ވޯޓުލީ މީހާއަށް ހާއްސަކުރެވިފައިވާ ރަމްޒީ ނިޝާނާއި ސީރިއަލް ނަންބަރު ޕްރިންޓްކޮށްފައިވާ ސްލިޕްކޮޅެއް މެޝިނުން ދޫކުރާނެ ކަމަށާއި، އެ ކަރުދާސްކޮޅަކީ ފޮއްޓަކަށް ލާންޖެހޭ ކަރުދާސްކޮޅެއް ކަމަށެވެ. އަދި އިލެކްޓްރޯނިކް ވޯޓާއި ކަރުދާސްކޮޅުތައް އަޅާ ކިއުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާނެކަންވެސް އަރޯރާ ވަނީ ފާހަގަކުރައްވާފައެވެ.

އޭޕްރިލް 11 ވަނަ ދުވަހު އިންޑިއާގައި ފަށާ އާންމު އިންތިހާބުގެ ވޯޓަކީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ހިމެނޭ 545 ގޮނޑީގެ ތެރެއިނ 543 ގޮނޑިއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ލާ ވޯޓެކެވެ. އަނެއް ދެގޮނޑިއަށް މެމްބަރުން ކަނޑައަޅުއްވަނީ އިންޑިއާގެ ރިޔާސަތުންނެވެ.

މިފަހަރުގެ އިންތިހާބުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވާދަކުރައްވާއިރު، އިދިކޮޅު ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީވެސް ގެންދަވަނީ ވަރުގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ. މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ހިޔާލު ހޯދުމުގެ ވޯޓުތަކަށް ބަލާއިރު ކުރީގައި އޮތީ ރާހުލް ގާންދީއެވެ.

ކަންމިހެންއޮތްއިރު، އިންޑިއާގެ އާންމު އިންތިހާބުގެ ކެމްޕެއިން ޕޯސްޓަރުތަކުގައި އަސްކަރިއްޔާގެ ފޮޓޯ ބޭނުންކުރާ މައްސަލަ ބޮޑުވެ، އިންތިހާބީ ކޮމިޝަނުން ވަނީ އެކަން އެގޮތަށް ނުކުރުމަށް އިރުޝާދެއް އާންމުކޮށްފައެވެ. ކެމްޕެއިންތަކުގައި އަސްކަރީ ފޮޓޯ ބޭނުންކުރަން ފަށާފައިވަނީ ޕާކިސްތާނުން ވައްޓާލި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓުގެ ޕައިލެޓް ވިންގް ކޮމާންޑަރު އަބީނަންދަން ވަރުތަމަންގެ ޝަރަފުގައެވެ. މިކަން ކުރަމުންދަނީ މޯދީގެ ސަޕޯޓަރުން ކަމަށް ޚަބަރު ލިބެއެވެ.