ދިވެހި ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ ހަތަރުވަނަ މޯލްޑިވްސް - އީޔޫ ޕޮލިސީ ޑައިލޮގް މިއަދު އޮންނާނެއެވެ.

ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދެމެދު ބޭއްވޭ މި ޑައިލޮގް ގެ ބޭނުމަކީ ދެ ފަރާތުގެ ދެމެދުގައި ހިޔާލު ބަދަލުކޮށް، ހުޅުވާލެވިފައިވާ އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމެވެ.

ރައީސް އިިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިސްކަންދޭ އެކިއެކި ދާއިރާތަކުން ޔޫއޭއީއާ އެކު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ބެހޭ ގޮތުން މިއަހަރުގެ ޕޮލިސީ ޑައިލޮގްގައި މަޝްވަރާކުރެވިގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ޑައިލޮގްގައި މަޝްވަރާކުރެވޭނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ތަރައްގީގެ ދާއިރާގައި އެއްބާރުލުން ދިނުމާއި ޑިމޮކްރަސީއާއި ގަވާނެންސް އަދި އިންސާނީ ހައްގުތަކާއި މޫސުމީ ބަދަލު ތަކުގެ އިތުރުން، ސަލާމަތީ ދާއިރާގައި އެއްބާރުލުން ދިނުން އިތުރުކުރުން ވެސް ހިމެނެއެވެ.

އީޔޫއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޓުން ލައި މާގް، އީޔޫގެ ވަފުދުގެ އިސްބޭފުޅަކަށް ހުންނަވައިގެން ބައިވެރިވެ ވަޑައިގަންނަވާ މި ޑައިލޮގްގައި، ޔޫރަޕިއަން ޔޫނިއަން އަދި އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ މިޝަންތަކުގެ ހެޑް އޮފް މިޝަން ނުވަތަ ޑެޕިއުޓީ ހެޑް އޮފް މިޝަން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިގައުމުތަކުގެ ތެރޭގައި ފްރާންސް، ޖާމަނީ، ނެދަލޭންޑް، އޮސްޓްރިއާ، ޗެކް އޮފް ރިޕަބްލިކް، ސްވިންޑް، ޕޮލެންޑް، ރޮމޭނިއާ އަދި އިޓަލީގެ އިތުރުން ޔުނައިޓެޑް ކިންގްޑަަމް ހިމެނެއެވެ.

ޑައިލޮގް ގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި މި ވަފުދުގައި ރާއްޖޭގެ ފައިނޭންސް މިނިސްޓަރާއި ޓްއަރިޒަމް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރު އަދި އެންވާރަމެންޓް މިނިސްޓަރު ހިމެނިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އެގްރިކަލްޗަރާ އަދި ސަރުކާރުގެ އެކެނިހެން ބައެއް އިސް ބޭފުޅުންވެސް ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގަންނަވާނެއެވެ.

މި ޑައިލޮގް އޮންނާނީ މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސް ރިސޯޓްގައެވެ.