ހެލްމެޓުގެ ބަދަލުގައި ތެއްޔެއް ބޮލުގައި އަޅައިގެން، ސިނަމާލެ ބުރިޖް ހުރަސްކުރި މީހަކު މިއަދު ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ބުނީ، އޭނަ ހުއްޓުވާފައިވަނީ، މިއަދު ހަވީރު 17:20 ހާއިރު ކަމަށާއި، އެކަމާ ގުޅިގެން އެފަރާތައް ނަސޭހަތް ދީފައި ވާނެ ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޮލުގައި ތެލި އަޅައިގެން އިން ޒުވާނާ، އިން ސައިކަލު ހުއްޓުވި އިރު، އެ ސައިކަލު ގަވާއިދުގަވާ މިންގަޑުތަކަށް ނުފެތޭތީ، ޖޫރިމަނާ ކޮށްފައި ވާނެ ކަމަށާއި، ހެލްމެޓު ނާޅާ ދުއްވުމުން ޖޫރިމަނާ ކުރުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުން ފެށިގެން ކަމަށެވެ.

ތެލި ބޮލުގައި އަޅައިގެން އިން މީހާގެ ވީޑިއޯ ސްނެޕެއްވެސް މިހާރު ސޯޝަލް މީޑިއާގައި ވަނީ 'ވައިރަލް' ވެފައެވެ. އެ ސްނެޕް ގައި ލިޔެފައިވަނީ، "ހެލްމެޓް ގަންނަން ލާރި ނުލިބުނީ އޯ"، މިހެންނެވެ.

މިހާރުގެ ޒުވާނުން ކުރާ މި ފަދަ ކަންކަމުގެ ސަބަބުން، ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވަމުން ދާކަމަށާއި، މިއީ މަޖަލަކަށް ކޮށްގެންވާނެ ކަންތައްތަކެއް ނޫން ކަމަށްވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނަމުން ދެއެވެ.

ރޭ ދަންވަރު 12 އިން ފެށިގެން ހެލްމެޓް ނާޅާ ބްރިޖާ ހައިވޭގައި ދުއްވާ މީހުން ހުއްޓުވުމުގެ މަސައްކަތް ފުލުހުން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެވަނީ ބުނެފައެވެ.