އިންޑިއާއަށް ދިގު މުއްދަތަށް ބޭސްފަރުވާ ކުރަން ދާ ދިވެހިންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ވިސާގެ މުއްދަތު މަދުވެގެން ހަ މަސް ދުވަހަށް ނުވަތަ އެއް އަހަރާ ހަމައަށް މާދަމާއިން ފެށިގެން ލިބޭގޮތަށް ހަމަޖައްސައިފިއެވެ.
ދިވެހީންގެ ތެރެއިން ބޭސްފަރުވާއަށް އިންޑިއާއަށް ދާ ދިވެހިންގެ އަދަދު ގިނަ ވި ނަމަވެސް ވިސާ ލިބުމުގެ ދަތިތަކެއް ހުރެއެވެ. އެހެންކަމުން ވިސާގެ ކަންތައްތަކަށް ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ރާއްޖެއާ އިންޑިއާއާ ދެމެދު ވިސާއާ ބެހޭ އާ އެގްރިމެންޓެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރެއްވީ މިދިޔަ ޑިސެމްބަރު މަހު އިންޑިއާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެއްގައެވެ.
އިންޑިއާއަށް ދިގު މުއްދަތަށް ބޭސްފަރުވާ ކުރަން ދާ ދިވެހިންނަށް ވިސާގެ ކަންތައްތައް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ދިގު މުއްދަތަށް މެޑިކަލް ވިސާ ބޭނުންވާ މީހުންނަށް މާލޭގައި ހުންނަ އިންޑިއާ އެމްބަސީއަށް ހުށަހަޅައިގެން ހަ މަސް ދުވަހަށް ނުވަތަ އެއް އަހަރާ ހަމައަށް ވިސާ ލިބޭނެއެވެ. އަދި ބަލިމީހާގެ އެހީތެރިންގެ ގޮތުގައި ގިނަވެގެން ދެ މީހަކަށް މެޑިކަލް އެޓެންޑެންޓް ވިސާ ވެސް އެ މުއްދަތަށް ލިބޭނެއެވެ. ނަމަވެސް 90 ދުވަހަށް ވުރެ ކުރު މުއްދަތަކަށް އިންޑިއާއަށް ބޭހަށް ދާން ބޭނުންވާ މީހުން އިންޑިއާ އެމްބަސީން ވިސާއަށް އެދޭކަށް ނުޖެހޭނެއެވެ.
ބޭސްފަރުވާ ފިޔަވާ އެހެނިހެން ކަންކަމު އިންޑިއާއަށް ދަތުރުކުރާ މީހުންނަށް ބަލާލާއިރު އިންޑިއާއަށް ދަތުރުކުރާ ދިވެހީންގެ ތެރެއިން ވިޔަފާރީގެ ކަންކަމަށް ދާ ދިވެހީންނަށާއި، ޓޫރިސްޓުންގެ ގޮތުގައި ދާ ދިވެހިންނަށް ވިސާއާ ނުލާ 90 ދުވަހު އެގައުމުގައި ހުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.
އިންޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރަމުން ގެންދާ އިރު، ސަރުކާރު ގަބޫލުކުރާ މަރުކަޒެއްގައި ފުލްޓައިމް ޕްރޮގްރާމެއްގައި ބައިވެރިވާ ދަރިވަރުންނަށް، ކޯހުގެ މުއްދަތަށް މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފައެވެ.
އެގެ އިތުރުން 18 އަހަރުން ދަށުގެ ސްޓޫޑެންޓް ވިސާގައި ތިބޭ ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ވެސް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެއެވެ. މީގެ އިތުރުން މަތީ ތައުލީމު ހާސިލުކުރުމަށް ނުވަތަ ރިސާޗް މަސައްކަތަށް ސްޓޫޑަންޓް ވިސާގައި ތިބޭ މީހުންގެ 18 އަހަރު ނުވާ ދަރީންނާއި، އުމުރުން ދުވަސްވީ މައިންބަފައިންނަށް ނުވަތަ ގާނޫނީ ބަލަދުވެރިންނަށް ވެސް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭ ގޮތަށް އޮތީ ހަމަޖެހިފައެވެ.