ޖެންޑާ އީކުއަލިޓީ ގާނޫނު ތަންފީޒުކުރުމަށްޓަކައި ދިވެހިރާއްޖެ އިން ކުރަމުންދާ މަސައްކަތްތަކާއި، ބޭރުގެ ގައުމުތަކާއެކު ކުރެއްވުން މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިހެން ވިދާޅުވީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ހެޑް ކުއާޓާސްގައި އޮންނަ "ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން" ގެ 63 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ޝަދާތާ ވިދާޅުވީ މި ސެޝަންގައި ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށްޓަކައި ކުރަމުން ދާ މަސައްކަތްތަކާއި، އަންހެނުންނާއި އަންހެންކުދިން ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުން ދާ މަސައްކަތްތައް ހިއްސާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، ދިވެހިރާއްޖެ އިން ބެއިޖިން ޑެކްލަޝޭން އެންޑް ޕްލެޓްފޯމް ފޯ އެކްޝަނާއި، ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެންސްޓް ވިމެން ތަންފީޒުކުރުމުން ދާ މިންވަރު ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިދާތާ ވިދާޅުވީ ތާރީހުގެ ފަތްފުތްތަކުގައި ލިޔެފައިވާ ހާދިސާތަކުގައި ބައެއް ރަސްރަސްކަލުންނާއި ރަނިންގެ ދައުރު ގެނެސް ދިނުމުގައި މިންތީގެ ތަފާތުކުރުން ގެންގުޅެފައިވާ ކަން އެ ފަދަ ލިޔުންތަކުން ފެންނަން އޮތް ކަމަށެވެ. އަދުގެ ޖީލުތަކާ ހަމައަށް ތާރީހު ހާދިސާތައް ގެނެސްދޭއިރު އަންހެނަކަށް ވީތީ ތަފާތުކުރުންތައް ގެންގުޅެފައިވާ ކަން އެނގި ހާމަވެގެން ދިޔަ ކަން ހާމަކުރައްވާ ޝިދާތާ ވިދާޅުވީ އަންހެނުންގެ ހައްގުތައް އަލުން ހޯދުމަށް މިއަދު ނުުކުންނަން ޖެހޭ ކަމަށެވެ.