ހަދާ ގާނޫނެއްގެ ސަބަބުން މީހެއްގެ މަގާމު ކުއްލިއަކަށް ގެއްލޭ ފަދަ ގޮތަކަށް ފާސްކުރަން ތާއީދު ނުކުރާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކުގެ މެންބަރު ކަންވެސް ކުރައްވާ އިމްތިޔާޒް ފަހްމީ މިހެން ވިދާޅުވީ، ގާނޫނީ ވަކީލުންގެ ފަރާތުން އައްޔަން ކުރައްވާފައިވާ ލަތީފާ ގާސިމްގެ މަގާމު ނުގެއްލޭ ގޮތަށް، ގާނޫނީ ހިދުމަތުގެ ބިލު އިސްލާހު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން އެއްބަސްވުމާގުޅިގެންނެވެ.

"އަޅުގަނޑުމެން މީހަކަށް ޓާގެޓްކޮށްގެން އެގޮތަކަށް ގާނޫނުތަކެއް ނުހަދާނެ. އެހެންވެގެންތާ އަޅުގަނޑުމެން ބުނަމުން ދިޔައީ އޮޑިޓާ ޖެނެރަލްގެ މަގާމު ގެއްލޭ ގޮތަށް ކުއްލިއަކަށް މާއްދާއެއް ފާސްކުރި ކުރުން އަޅުގަނޑުމެން ދެކޮޅު ހަދަމުން ދިޔައީ މިހާރު ވެސް އަޅުގަނޑުމެން ހަދާ ގާނޫނަކުން މީހެއްގެ މަގާމު ކުއްލިއަކަށް ގެއްލޭ ގޮތަކަށެއް ފާސްކުރުމަކަށް އަޅުގަނޑުމެންގެ ތާއިދެއް ނެތް" އިންތި ވިދާޅުވިއެވެ.

ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވުމަށް ނިންމީ، ބިލް ފާސްކުރަން މަޖިލާހުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނިކޮށެވެ. އަދި މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން ލަތީފާގެ މަގާމު ގެއްލޭ ގޮތަށް ބިލް އޮތް ކަމަށް ބުނެ އެކަމަނާ މަޖިލީހަށް ސިޓީއެއް ހުށަހެޅުއްވުމުންނެވެ.

އިންތި ވިދާޅުވީ ގާނޫނީ ވަކީލުން ތަމްސީލު ކުރެއްވުމަށް ޖޭއެސްސީއަށް އައްޔަން ކުރައްވާފައިވާ ލަތީފާއަކީ ހަމައެކަނި ގާނޫނީ ވަކީލުންގެ މެދުގައި ނެގި ވޯޓަކުން އެ މަގާމަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި އޭނާ އެ މަގާމަށް ވަޑައިގެންނެވީ ފަނޑިޔާރުންގެ ވޯޓާ ވެސް އެކުގައި ކަމަށެވެ. ޖޭއެސްސީ އަކީ 10 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.

އެ ބިލު މަޖިލީހުގެ ތަޅުމަށް ހުށަނޭޅިގެން އުޅެނީ ލަތީފާގެ މަސްލަހަތު ހިމާޔަތް ކުރައްވަން ގާސިމް މަސައްކަތް ކުރައްވާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ ރޭގަ ކުނޫޒުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދަށް ރައްދުދެއްވާފައެވެ.

ގާނޫނީ ހިދުމަތުގެ ބިލަކީ ވަކީލުންގެ ކަންކަން ބަލަހައްޓަން އުފައްދާ ބާ އެސޯސިއޭޝަން އުފެއްދުމާއި ވަކީލުންގެ ބާރުތައް ބާ އެސޯސިއޭޝަނަށް ދިނުމަށް ސަރުކާރުން އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.