ގަނޫނީ ހިދުމަތުގެ ބިލް (ބާ އެސޯސިއޭޝަންގެ ބިލް) މަޖިލީސް ރައީސް ކަމުގައި ހުންނެވާހާ ދުވަހަކު އެޖެންޑާ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، "ގާނޫނު ހަދާކަށް އަޅުގަނޑު ގާނޫނު ހަދާ މަޖިލީހުގެ ރައީސަކަށް އިންދާ އެޖެންޑާވެސް ނުކުރާނަން. މި ދެންނެވި އެއްޗެއް އެނގިވަޑައިގެންފިތޯ؟ އެ މާއްދާ އެހެން ބާއްވައިގެން އެޖެންޑާވެސް ނުކުރާނަން. އެއީ ގާނޫނު އަސާސީ ހުއްދަ ނުކުރާތީ. ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅުއްވާ. 24 ގަޑިއިރު ހުޅުވައިގެން ވެސް ކުރާނަން،" ކަމަށެވެ.

ގާސިމް މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ބިލަކީ މިވަގުތު ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާއަށް އެންމެ މުހިންމު އެއް ބިލު ކަމަށް ބުނެފައިވަނިކޮށެވެ.

ގާނޫނީ ހިދުމަތުގެ ބިލު އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ. އެ ބިލު މަޖިލީހުގެ ތަޅުމަށް ހުށަނޭޅިގެން އުޅެނީ ލަތީފާ ގާސިމްގެ މަސްލަހަތު ހިމާޔަތް ކުރައްވަން ގާސިމް މަސައްކަތް ކުރައްވާތީ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި މުޅި ރައްޔިތުންގެ މަޖިލިސް ގަޑުބަޑުކުރައްވަމުން ގެންދަވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

މިއަށް ރައްދު ދެއްވަމުން ރޭގަ އިދިކޮޅު ކޯލިޝަނުގެ ބައެއް ކެންޑިޑޭޓުންނަށް މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ތާއީދު ކުރަން ނިންމާފައިވާކަން އިއުލާނު ކުރަން ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ގާސިމް ވިދާޅުވީ، ލަތީފާ ވަނީ ގާނޫނީ ހިދުމަތުގެ ބިލާ ބެހޭގޮތުން މަޖިލީހަށް މައްސަލަ ހުށަހެޅުއްވާފަ ކަމަށާއި، އެކަން މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތުމަތު ފިލްޒާ ބެއްލެވި އިރު އެ ބިލުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ވިދާޅުވެބައްލަވާ، އަޅުގަނޑު ލަތީފާ ގާސިމް ގެންނަަން ވެގެންތޯ ނޫނީ އެހެން ކަމެއް ކުރަންތޯ މިކަން މި ކުރަނީ. އެކަމަނާ އެ މައްސަލަ ހުށަހެޅުއްވީމާ، އަޅުގަނޑަށް ނުވެސް އެނގޭ އޭރަކުއެއް އެންމެ ފުރަތަމައިނުއްނެއް. ހުށަހެޅުއްވީމާ ކައުންސިލާ ޖެނެރަލް ވިދާޅުވީ، އެހާ ބޮޑު ނުބައެއް ނެތޭ. 'އެހާ ބޮޑު ނުބައެއް ނެތް' ފުރަތަމަ ވިދާޅުވީ އެހެން. ދެން ފަހުން ވިދާޅުވީ ގޯސްތަކެއް އެބަ ހުއްޓޭ. އެހިސާބުން އަޅުގަނޑަށް ޖެހުނީ އަމިއްލައަށް އެ ބިލު ފޮނުވާލަން،" ގާސިމް ވިދާޅުވި އެވެ.

ގާނޫނީ ހިދުމަތުގެ ބިލުގެ 67 ވަނަ މާއްދާގައި ބުނެފައިވަނީ ގަނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމަށްޓަކައި ބާއްވަން ޖެހޭ އިންތިހާބު ބާ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ ވުޖޫދަށް އަންނަ ދުވަހުން ފެށިގެން ފަނަރަ ދުވަހުގެ ތެރޭގައި ބާއްވަން ވާނެ ކަމަށެވެ. އެ ބިލު އޮތް ގޮތަށް މަޖިލީހުން ފާސްވެއްޖެ ނަމަ ބާ އެސޯސިއޭޝަނުން ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރަން އިންތިހާބު ބާއްވާ ހިސާބުން ލަތީފާގެ މަގާމު އޮޓަމެޓިކުން ގެއްލޭނެއެވެ.

ގާނޫނީ ހިދުމަތުގެ ބިލަކީ ވަކީލުންގެ ކަންކަން ބަލަހައްޓަން އުފައްދާ ބާ އެސޯސިއޭޝަން އުފެއްދުމާއި ވަކީލުންގެ ބާރުތައް ބާ އެސޯސިއޭޝަނަށް ދިނުމަށް ސަރުކާރުން އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.