ތޫނިސްގެ ވެރިރަށުގައި ހުންނަ ހޮސްޕިޓަލަކަށް އުފަންވި 11 ކުއްޖެއްގެ މަރުގެ މައްސަލައިގައި، އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު އަބްދުއްރައޫފު ޝަރީފު އިސްތިއުފާ ދެއްވައިފިއެވެ.

ތޫނިސްގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ މާޗް މަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު އުފަންވި ކުދިން މަރުވެފައި ވަނީ ސެޕްޓިކް ޝޮކްގެ ސަބަބުންކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ސެޕްޓިކް ޝޮކަކީ އިންފެކްޝަނެއްގެ ސަބަބުން އެތެރެހަށީގެ ގުނަވަންތައް ނުވަތަ ގަނަވަނެއް ހަލާކުވެގެން މެދުވެރިވާ ހާލަތަކެވެ. މިކަން މެދުވެރި ވަނީ އާދަޔާ ހިލާފަށް ލޭގެ ޕްރެޝަރު ދަށަށް ގޮސް، އެތެރެހަށީގެ ގުނަވަންތަކަށް ބޭނުންވާ އޮކްސިޖަން، ލޭގެ ޒަރިއްޔާއިން ނުލިބިގެންނެވެ.

ތޫނިސްގެ ބޮޑުވަޒީރު ޔޫސުފް ޝާހިދު ވިދާޅުވީ ދައުލަތުގެ ހަރަދުގައި ހިންގާ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހިދުމަތުގެ ފެންވަރުގެ ބެލުމުގެ ތަހުގީގުތައް ފަށާފައިވާކަމަށެވެ. އެގޮތުން ހޮސްޕިޓަލް ފެސިލިޓީއާ ބޭސްފިހާރަތަކުގެ ސާފުތާހިރުކަން ހުރިނެތްގޮތްވެސް ބެލޭނެކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.

ސިއްހަތާއި ބެހޭ ވަޒީރު ކަމުގައި ހުންނެވި ޝަރީފު އިސްތިއުފާ ދެއްވާފައި މިވަނީ އެ މަގާމަށް އޭނާ އިސްކުރެވުނުތާ އެންމެ ހަތަރު ވަރަކަށް މަސްދުވަހުގެ ތެރޭގައެވެ.

ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި، ތޫނިސް ޕީޑްރިއަޓިކް ސޮސައިޓީއިން ބުނީ ތުއްތު ކުދިންނަށް އިންފެކްޝަންގެ އަސަރުކޮށްފައިވަނީ އެކުދިންގެ ނާރުތަކަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.

ތޫނިސްއަކީ އުތުރު އެފްރިކާ ސަރަހައްދުގައި އެންމެ ފެންވަރު ރަނގަޅަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ގައުމެވެ. މެޑިކަލް ޓޫރިޒަމްއަކީ ވެސް އެގައުމުގައި ފުޅާވަމުން އަންނަ، ބޮޑު އާމްދަނީއެއް ލިއްބައިދޭ ދާއިރާއަކަށްވާއިރު، މިފަދަ ހާދިސާއެއް އެގައުމުގައި ހިނގުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.