ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާއި ގުޅުމަށް އޭނާގެ ދަރިފުޅު ނިންމިކަމަށްޓަކައި، އިނގިރޭސިވިލާތުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް، އުމުރުން އެންމެ 15 އަހަރުގައި އިނގިރޭސިވިލާތް ދޫކޮށް ސޫރިޔާއަށް ދިޔަ ޝަމީމާ ބޭގަމްގެ ބައްޕަ، އަޙުމަދު ޢަލީ ބުނެފިއެވެ.

ޝަމީމާ އެކަން ގަބޫލުކުރިއަސް އަދި ނުކުރިއަސް، އޭނާއަށް އެކުރެވުނީ ވަރަށް ނުބައި ކަމެއް ކަމަށް ޝަމީމާގެ ބައްޕަ ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ އިރުއުތުރުގެ އަވަށެއްގައި މިހާރު ދިރިއުޅެމުން އަންނަ ޢަލީ މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި ވަނީ، ސޫރިޔާގެ ރެފިއުޖީ ކޭމްޕެއްގައި މިހާރު ޝަމީމާ މީގެ 3 ހަފުތާއެއްހާ ދުވަސްކުރިން ވިހޭ ދަރިފުޅު މިދިޔަ ހަފުތާގައި މަރުވިކަން އެނގުމުގެ ކުރިންނެވެ.

ޝަމީމާ ބުނީ އައިސިސްއާއި ގުޅެވުނީތީ ހިތާމަ ނުކުރާ ކަމަށާ، ނަމަވެސް އައިސިސްގެ "ޚިލާފަތް" މިހާރު ނިމުމަކަށް އައިސްފައިވާކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. ކައިވެނީގެ ގޮތުން ޝަމީމާ ގުޅިގެން އުޅުނީ، ސޫރިޔާގައި ހަރަކާތްތެރިވަމުންދިޔަ، ނެދަލެންޑްސްގެ ހަނގުރާމަވެރިއަކާއިއެވެ. އެމީހާ މިވަގުތު ހުރީ ޖަލު ބަންދުގައެވެ.

އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާކަމަށް ޝަމީމާ މިހާރު ބުނަމުންދިޔަ ނަމަވެސް، އިނގިރޭސިވިލާތުންވަނީ އޭނާގެ ރަށްވެހިކަން ބާތިލުކޮށްފައެވެ.

ޢަލީ ބުނީ ޝަމީމާއަށް އެނބުރި އިނގިރޭސިވިލާތަށް ދެވެން ވާނެކަމަށެވެ. އިނގިރޭސިވިލާތަށް ޝަމީމާ އެތެރެވެއްޖެނަމަ އޭނާއާއި ދެކޮޅަށް ސަރިޔަތް ހިންގުމުގެ ފުރުސަތު އެބައޮތެވެ.

ޢަލީ ބުނީ އޭނާގެ ދަރިފުޅު ސޫރިޔާއަށް ދަތުރުކުރިއިރު އޭނާއަކީ ކުޑަކުއްޖެއް ކަމަށާއި ހެޔޮގޮތް ވިސްނިފައިނުވާނެކަމަށެވެ. އަދި އޭނާ އެކަންކޮށްފައިވަނީ ކޮންމެވެސް މީހެއްގެ ނުފޫޒުގައި ކަމަށް ގަބޫލުކުރާކަމަށްވެސް ޝަމީމާގެ ބައްޕަ ދަނީ ބުނަމުންނެވެ.

ޢަލީ ވަނީ، އިނގިރޭސިވިލާތަށް އެތެރެވުމުގެ ފުރުސަތު ޝަމީމާއަށް ދިނުމަށްފަހު، އޭނާ ކުށެއް ކޮށްފައިވާނަމަ އެ ކުށަށް އޭނާއަށް އަދަބު ދިނުމަށްވެސް އިނގިރޭސިވިލާތަށް ގޮވާލާފައެވެ.

ޝަމީމާއަކީ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ޒުވާނެއްތީ ސުވާލުކުރުމުން ޢަލީ ބުނީ، އޭނާ އިނގިރޭސިވިލާތުގައި ހުންނަނީ ކޮންމެ ފަހަރަކުވެސް ދެތިން ހަފުތާއަށް ކަމަށާއި އެގޮތުން އެންމެ ފަހުން ޝަމީމާއާއި ބައްދަލުވިއިރުވެސް އޭނާގެ ފަރާތުން އެފަދަ ކަމަކަށް ޝައްކުނުކުރެވޭ ކަމަށެވެ.

ޝަމީމާއަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ކުރަމުންދާ ތުހުމަތުތަކަށް ބަންގްލަދޭޝްއިންވަނީ އިންކާރުކޮށްފައެވެ.