އޮސްޓްރޭލިއާއާއި ދެކޮޅަށް އިންޑިއާއިން ކުޅުނު ކުރިކެޓް މެޗުގައި، ފެހިކުލައިގެ ކެމޯފްލާޖު ނުވަތަ އަސްކަރީ ޔުނީފޯމުގެ ފޭރާން ރަމްޒުކޮށްދޭ ތޮފި އަޅައިގެން ތިބި މައްސަލަ ބަލައިދިނުމަށް އެދި، އިންޓަނޭޝަނަލް ކުރިކެޓް ކައުންސިލް (އައި.ސީ.ސީ)އަށް ޕާކިސްތާނުން ހުށަހަޅައިފިއެވެ.

ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާގެ މި އަމަލަކީ، ކުޅިވަރު "ސިޔާސީ" ކުރުމުގެ އަމަލެކެވެ.

އޮސްޓްރޭލިއާއާއި ދެކޮޅަށް އިންޑިއާ ކުޅުން ވަންޑޭ އިންޓަނޭޝަނަލް މެޗުގައި، އިންޑިއާގެ ގައުމީ ޖާޒީއާއިއެކު އާންމުކޮށް ބޭނުންކުރާ ނޫކުލައިގެ ތޮފީގެ ބަދަލުގައި ފެހިކުލައިގެ ކެމޯފްލާޖު ތޮފި ބޭނުންކޮށްފައިވަނީ، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާގައި، ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ ހަނގުރާމަވެރިއަކަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާގައި ފުރާނަ ގެއްލިދިޔަ އިންޑިއާޣެ ޕެރާމިލިޓްރީ ފުލުހުންގެ ޝަރަފުގައިކަން އިންޑިއާގެ ކުރިކެޓް ބޯޑު (ބީ.ސީ.ސީ.އައި)އިންވަނީ ކަށަވަރުކޮށްދީފައެވެ.

ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހު މަޙުމުދު ޤުރައިޝީ ވިދާޅުވީ، މިމައްސަލައަކީ ޕާކިސްތާނުގެ ކުރިކެޓް ބޯޑުން ފާހަގަކޮށްނުދެނީސް އައި.ސީ.ސީއިން ބަލަންޖެހޭނެ މައްސަލައެއް ކަމަށެވެ.

އޮސްޓްރޭލިއާއާއި ދެކޮޅަށް އިންޑިއާއިން ކުޅުނު މެޗުގައި ބޭނުންކުރި ފެހި ކުލައިގެ ކެމޯފްލާޖު ތޮފިތަކަކީ އިންޑިއާގެ ކުރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރުގެ ކުޅުންތެރިޔާ މަހެންދްރާ ސިންހް ދޯނީ ހަދިޔާކުރި ތޮފިތަކެކެވެ. ދޯނީއަކީ އިންޑިއާ އަސްކަރިއްޔާގެ އޮނަނަރީ ލެފްޓިނެންޓް ކާނަލްއެކެވެ.

މެޗު ފެށުމުގެ ކުރިން، މިހާރުގެ ކެޕްޓަން ވިރާތު ކޯލީ ބުނީ އެ ތޮތްޕަކީ ހާއްސަ ތޮތްޕެއް ކަމަށާއި، އެ ތޮފި ބޭނުންކުރަނީ ޕުލްވާމާ ހަމަލާގައި ފުރާނަ ގެއްލިދިޔަ "ބަތޮލުންނާއި" އެމީހުންގެ އާއިލާގެ ޝަރަފުގައި ކަމަށެވެ. އަދި މެޗުން ލިބުނު ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޚިދުމަތުގައި ހުއްޓާ ފުރާނަ ގެއްލިދާ އަސްކަރިއްޔާގެ މެމްބަރުންގެ އައިލާތަކަށް ޚަރަދުކުރެވޭ ގޮތަށް އިންޑިއާގެ ޑިފެންސް ފަންޑަށް ކަމަށްވެސް ވިރާތު ކޯލީ ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްތާ ފަވާދު ޗޯވްދްރީ ވިދާޅުވީ އިންޑިއާއާއި ދެކޮޅަށް ފިޔަވަޅު ނާޅައިފިނަމަ، ކަޝްމީރުގައި ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ހިންގަމުންދާ ޖަރީމާތައް ހަނދާންކޮށްދިނުމަށްޓަކައި ޕާކިސްތާނު ޓީމުން އަތުގައި ކަޅު ބޭންޑެއް އަޅަންޖެހޭނެ ކަމަށެވެ.

ބައިނަލްއަގުވާމީ ކުރިކެޓް މައިދާނުގައި ޕާކިސްތާނު އެކަހެރި ކުރުމަށް އިންޑިއާގެ ބީ.ސީ.ސީ.އައިއިން މަސައްކަތްތަކެއް ކުރާކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާއިރު، ކުޅިވަރު މައިދާނުގައި ސިޔާސީ މެސެޖުތައް ދިނުމާއި އެފަދަ ކެމްޕޭނާއި ޕްރޮޕަގަންޑާ ހިންގުމަކީ އާންމު އުސޫލުން ބަލާއިރު އެ ބަޔަކާއި ދެކޮޅަށް ފިޔަވަޅު އަޅަން މަޖުބޫރުކުރުވާ ހާލަތަކެވެ.

މިއަހަރުގެ ޖޫން މަހު އިންގްލަންޑްގައި އޮންނަ ކުރިކެޓް ވާލްޑްކަޕުގައި އިންޑިއާއާއި ޕާކިސްތާނުގެ މެޗެއް ޝެޑިއުލުކޮށްފައިވާއިރު، އިންޑިއާއިން މިމެޗު ދޫކޮށްލުމަށް ގިނަ ބަޔަކު ގޮވާލަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.