ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މެލޭޝިއާގެ މީހަކު، 10 އަހަރާ 10 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް އިއްވައިފިއެވެ.

މީގެ އިތުރުން، ހަމަ މިފަދަ އަމަލުތަކެއް ހިންގި އިތުރު ތިން މީހެއްގެ މައްޗަށް މިހާރު ވެސް ވަނީ ދައުވާ އުފުލާފައެވެ.

މެލޭޝިއާގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސް މުޙައްމަދު ފައުޒީ ހާރޫން ވިދާޅުވީ، ހުކުމް އިއްވާފައިވާ މީހަކީ އޭނާގެ ކުށަށް އިއުތިރާފުވީ މީހެއްކަމަށެވެ. އިތުރު މީހަކުވެސް މިފަދަ ކުށަކަށް އަމިއްލައަށް އިއުތިރާފުވެފައިވާއިރު އޭނާގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ ހޯމަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. މި ފަދަ ދައުވާތަކެއް އަމާޒުކުރެވޭ އިތުރު ދެ މީހަކު އަދި ތިބިއިރު، އެމީހުން ދަނީ ދައުވާތަކަށް އިންކާރު ކުރަމުންނެވެ. އެމީހުން މިވަގުތު ބަންދުގައި ބައިތިއްބާފައި ތިބީ ކަފާލާތުގެ ދަށުންވެސް މިނިވަން ނުކުރެވޭ ގޮތަށެވެ.

މެލޭޝިއާގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސް މުޙައްމަދު ފައުޒީ ހާރޫން އިތުރަށް ވިދާޅުވީ، ދީނީ އަދި ނަސްލީ ފުރައްސާރަކުރުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރުން ހުއްޓާލަންވެއްޖެ ކަމަށެވެ.

މެލޭޝިއާގެ ރިލިޖަޒް އެފެއާޒް މިނިސްޓާ މުޖާހިދު ޔޫސުފް ރަވާ ވިދާޅުވީ، އިސްލާމް ދީނާއާއި ކީރިތި ރަސޫލާއާއި ބެހޭ ގޮތުން ލިޔަމުންދާ ލިޔުންތަކާއި އިސްލާމް ދީނާއާއި ކީރިތި ރަސޫލާއަށް އަމާޒުކޮށް ޝާއިއުކުރަމުންދާ ފުރައްސާރައިގެ ކޮންޓެންޓް މޮނިޓާ ކުރުމަށް، މެލޭޝިއާގެ އިސްލާމިކް އެފެއާޒް ޑިޕާޓްމަންޓްގައި ހާއްސަ ޔުނިޓެއް އެކުލަވާލައްވާފައިވާނެ ކަމަށެވެ.