މެތަޑޯން ރާއްޖެއަށް އެތެރެ ކުރުން ސަރުކާރުން ހުއްޓުވާލަން އޮންނާނީ އެންމެ ސަބަބެއް ކަމަށާއި، އެއީ އިތުރަށް ޑްރަގް ވިއްކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ހިތަދޫގައި އޮތް ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މެތަޑޯން އަކީ ޑްރަގުން ސަލާމަތް ކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށާއި، އެ ބޭސް ބޭނުން ކުރުމުން ޑްރާގާއި ދުރުވާކަމަށެވެ.

"މެތަޑޯން އެއީ ޑްރަގުން ސަލާމަތްވުމަށްޓަކާ ބޭނުން ކުރާ ބޭހެއް، އެ ބޭސް ގަވާއިދުން ބޭނުން ކުރަމުން ދާ މީހާއަށް ޑްރަގާ ދުރުވެވޭ، ބާރު ގަދަ ޑްރަގާ ދުރުވޭ، އެ ބޭސް ރާއްޖެއަށް އެތެރެ ކުރުން ސަރުކާރުން ހުއްޓުވާލައި، އޮންނާނީ އަޅުގަނޑަށް ވިސްނޭ ގޮތުގައި އެންމެ ސަބަބެއް، އެއީ އިތުރަށް ޑްރަގް ވިއްކުން" ނަޝީދު ވިދާޅުވިއެވެ.

މީގޮތުން ރައީސް ނަޝީދު ވިދާޅުވީ، އަބްދު ﷲ ޔާމީންގެ ސަރުކާރުން މި ބޭސް އެތެރެކުރުން ހުއްޓާލި ކަމަށާއި، އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ޑްރަގް އެތެރެކުރާ މިންވަރާ، ޑްރަގް ބޭނުންކުރާ މިންވަރު އިތުރު ވެގެން ދިޔުން ކަމަށެވެ. އަދި، އޭގެ ސަބަބުން ޒުވާން ޖީލެއް ހަލާކުވެގެން ދިޔަ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަލުން އަނބުރާ އެ ޖީލު ހޯއްދަވައި ދެއްވާނެކަމަށެވެ.

މިއަދު ނަޝީދު ވިދާޅުވީ، ބާރުގަދަ ޑްރަގުގެ ޝިކާރައަކަށްވެ، ޖީލެއް އެބަ ގެއްލިގެން ދާ ކަމަށާއި، އެކަކަށްވެސް ވަކި އެކުދިން ދޫކޮށްލެވެން ނެތް ކަމަށެވެ.

"އާދެ ރުޅިއަރާ، އެއީ ހަމަ އަޅުގަނޑުމެންގެ ލޭ އަޅުގަނޑުމެންގެ މަސް، އަޅުގަނޑުމެން އޭގެން އެއްވެސް ކުއްޖެއް އެއްލާލާފަ، އެއީ ނެތް ކުދީން ކަމަށް ހަދާފަ، ވަކި އަޅުގަނޑުމެންގެ މާރީތި މާމޮޅު ދިރިއުޅުމެއް ކުރިއަށް ގެންދެވޭކަށް ނެތް، އެކުދިންނަށް ގޮތެއް ހޯދައި ދިނުން، އެ މީހުންނަށް ފަރުވާއެއް ދިނުން އެއީ، 2008 ވަނަ އަހަރުގެ އަޅުގަނޑުމެންގެ ވައުދެއް" ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ނަޝީދު ވިދާޅުވީ، އެކަމަށް ހިތަދޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ހެދުނު ކަމަށާއި، [ބަޣާވާތާ] އެކީގައި، އެ ސެންޓަރު ބަންދު ކުރި ކަމަށެވެ. އަދި އޭގެ ބަދަލުގައި ޑްރަގުގެ ވިޔަފާރި އަލުން އިތުރު ކުރަމުން ދިޔަ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދުތަކާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކު ޕާޓި(އެމްޑީޕީ) ގެ މެނިފެސްޓޯގެ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ސަރުކާރުން ބާރަށް ހިންގަމުން ގެންދާނެ ކަމަށާއި، މިއަދުވެސް ފެނިގެން ދިޔައީ އަނެއްކާވެސް ހިތަދޫގައި ޑްރަގު ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވިގެން ދިޔަތަން ކަމަށެވެ.