މި ސަރުކާރަށް ވުރެ އަނިޔާވެރި ސަރުކާރެއް ދުނިޔޭގެ ތާރީހުގައި މީގެ ކުރިން އަދި މިހާރުވެސް ނެތްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ވާހަކަފުޅު ދައްކަވަމުން، އަދުރޭ ވިދާޅުވީ މި ސަރުކާރުން މަޖިލިސް އިންތިހާބަށް ހުރަސް އަޅަމުން ގެންދާ ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ކުރި ކަމަކީ ރައީސް ޔާމީން ހައްޔަރުކުރުން ކަމަށެވެ. އަދި ރައީސް ޔާމީން ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ، ސަރުކާރާއި ހަވާލުވިތާ ތިން މަސް ނުވަނީސް ފެންނަމުން ދަނީ އަނިޔާވެރިކަން ކަމަށާއި، މި އަނިޔާވެރި ސަރުކާރަކަށް މަޖިލިސް މެޖޯރިޓީ ދީފިނަމަ ވެގެންދާނެ ގޮތް މިހާރުވެސް ފެންނަމުންދާ ކަމަށެވެ.

މިއަދު އަދުރޭ ވިދާޅުވީ ޔާމީން ހައްޔަރު ކޮށްފައި ހުރުމުން، ޕީޕީއެމް އަދި ޕީއެންސީއިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނުގެ އެކައުންޓްތައް ފްރީޒް ކޮށްފައި ހުރުމުން ކެމްޕޭނަށް ހަރަދު ކުރުމުގައި ދަތިތަކާއި ކުރިމަތި ލާން ޖެހިފައި ވާކަމަށާއި، އެ ހުރިހާ ކަމަކުންވެސް ދަތި ކުރުމުގެ ފިޔަވަޅު އިންތިހާއަށް މިއޮތީ އަޅާފައި ކަމަށެވެ.

އަދި ރައީސް ޔާމީން ބަންދުން ދޫކޮށްލާތޯ މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައި ވުމުން، ކެނޑިޑޭޓުންނަށް ރަށްރަށަށް ގޮސް ކެމްޕޭނު ކުރުމަށް ދަތިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ގޮތުން ވާހަކަފުޅު ދައްކަވަމުން، އަދުރޭ ވިދާޅުވީ، ޔާމީން ދެކެ ބިރުން ޔާމީން ހައްޔަރުކޮށްގެން އުޅުމުން އާހިރުގައި ގެއްލުން ވާނީ ހަމަ ސަރުކާރަށް ކަމަށެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން އުޅުމުން ކަންތައް ވެގެން ދިޔަގޮތް، ހިތައް ގެންނަން ޖެހޭ ކަމަށާއި، ތާރީހަކީ އަނބުރާ އިޔާދަވެގެން ދާނެ އެއްޗެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް، އެސްއޯއެފުން އެއްމިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއްގައި، އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން، އެމަނިކުފާނު ރިމާންޑު ޖަލެއްގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ، ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.