އިންޑިއާގެ އާބާދީއަށް ބަލާއިރު މައިނޯރިޓީ ނުވަތަ ބައިމަދު މީހުންގެ ގޮތުގައި އޮތް މުސްލިމުންގެ އާބާދީއަށް ފުރައްސާރަ ނުކުރުމަށް އދއިން ގޮވާލައިފިއެވެ.

ސުވިޓްޒާލަންޑްގެ ވެރިރަށް ޖެނީވާގައި ކުރިއަށްދާ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމަށް، އިންސާނީ ހައްގުތަކާ ބެހޭ އދގެ އިސްވެރިޔާ މިޝޭލް ބެޝެލެޓް ހުށަހުޅެއްވި ރިޕޯޓްގައި ބުނެފައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީގެ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ކަންތައްތަކެއް ރޭވިގެން ކުރިއަށްދާ ކަމަށެވެ.

މިގޮތަށް ބައިބައިވުން އުފައްދާ ފަދަ ސިޔާސަތުތަކެއް އޮތުމަކީ އިގުތިސޯދީ ކުރިއެރުމަށް ވެސް ހުރަސްއެޅޭނެ ކަމެއްކަން މި ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ބެޝެލެޓް ވިދާޅުވީ، މިހާރުވެސް ހަމަހަމަކަމެއް ނެތް އިންޑިއާގައި ހިންގާ ހަނިފިކުރުގެ ސިޔާސީ އެޖެންޑާތަކުގެ ސަބަބުން ނާޒުފު ފައްތަރެއްގައި ތިބި ގިނަ ބަޔަކު އިތުރަށް އެކަހެރިކުރެވި އެއްފަރާތް ކުރެވިފައިވާކަމަށެވެ. މިފަދަ ގިނަ ރިޕޯޓްތަކެއް ލިބިފައިވާކަން ބެޝެލެޓްވަނީ އިންސަނީ ހައްގުތަކާ ބެހޭ ކައުންސިލަށް ހުށަހެޅުއްވި ރިޕޯޓްގައި ފާހަގަކުރައްވާފައެވެ.

ކަންމިހެން އޮތްއިރު އެމްނެސްޓީ އިންޓަނޭޝަނަލުން ވެސް ވަނީ އިންޑިއާއާ ދެކޮޅަށް މިފަދަ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން، ނަފުރަތު އުފެއްދުމުގެ ޖަރީމާތަކާއި، ޖިސްމާނީ އަނިޔާ ދިނުމާއި، ރޭޕް ގުރުމާއި ގަސްތުގައި ފުރާނަ ދުއްވާލުމުގެ ހަމަލަތާކުގެ ޝިކާރައަކަށް އިންޑިއާގައި ދިރިއުޅޭ ބައިމަދު އާބާދީތައް، ވަކީން ހާއްސަކޮށް މުސްލިމު އާބާދީ ވެފައިވާކަމަށް އެމްނެސްޓީއިން ހުސްވި ހަފުތާގައި އާންމުކުރި އެ ޖަމިއްޔާގެ 2018 ވަނަ އަހަރުގެ ރިޕޯޓްގައިވެސް ވަނީ ފާހަގަކޮށްފައެވެ.

މިދަނޑިވަޅަކީ އާންމު އިންތިހާބަކަށް އިންޑިއާ ތައްޔާރުވަމުންދާ ދަނޑިވަޅަކަށްވާއިރު، ގިނަ ބައެއްގެ ފާޑުކިޔުންތައް އިންޑިއާގެ ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.