ކުރީގެ ރައީސް އަބްދުﷲ ޔާމީން އިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށުމުން އެމަނިކުފާނަށް ނުބައި އެއްޗެއް ކާން ދީފައިވާ ކަމަށް ބުނެ އާއިލާގެ މެންބަރަކު ކުރި ތުހުތަމަތު އެމަނިކުފާނު ދޮގު ކުރައްވާފައިވާ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.

އެންއައިސީއިން ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސް ޔާމީނާ ބައްދަލުކޮށް މައުލޫމާތު ސާފު ކުރުމުން އެމަނިކުފާނު ވަނީ އެފަދަ އެއްޗެއް ފަރީއްކުޅުވާފައި ނުވާ ކަމަށާއި އެފަދަ ކަމަކާ ގުޅިގެން ޑޮކްޓަރަށް ވެސް ދައްކަވާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ އާއިލާއިން ވެސް އެފަދަ ތުހުމަތެއް ކުރިކަން އެގިވަޑައިގެންފައި ނުވާކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ރައީސް ޔާމީނުގެ ފަރިއްކުޅުއްވުމުގެ ކަންކަން ކުރިއަށް ގެންދާގޮތް ރަނގަޅު ކަމަށާއި އެދަފަ ޝަކުވާއެއް ކުރައްވަން ބޭނުންފުޅު ނުވާކަމަށް ޔާމީން ވިދާޅުވެފައިވާ ކަމަށް އެންއައިސީއިން ބުންޏެވެ.

މޯލްޑިވިސް ކަރެކްޝަނަލް ސާވިސްގެ ހިދުމަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ކުޑަވާގޮތަށް ހަގީގަތެއް ނެތް ތުހުމަތުތައްކޮށް ހަބަރުތައް ނުފެތުރުމަށް އެންއައިސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

އައިޖީއެމްއެޗް އަށް ޔާމީން ގެންގޮސްފައި ވަނީ ކަރެކްޝަންސްގެ ޑޮކްޓަރު އެކަމަށް ލަފާދީފައި ވާތީ ކަމަށް އައިޖީއެމްއެޗުން ވަނީ މައުލޫމާތު ދީފައެވެ.

މީގެ ކުރިން ދެފަހަރެއްގެ މަތިން ޔާމީން ވަނީ އަޖީއެމްއެޗަށް ގެންގޮސްފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ އެމަނިކުފާނު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައި ވާއިރު، ބޮޑީޗެކަޕެއް ހެދުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުވެސް ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ޔާމީން ހައްޔަރު ކުރުމަށް ފަހު ހެއްކަށް ނުފޫޒު ފޯރުއްވަފާނެތީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.