ހަންގޭރީގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ނަޓް އެކުލެވޭ އެއްޗެއް ކެވިގެން އެލާޖިކްވެ ސީރިއަސް ހާލަތަކަށް ދިޔަ ޒުވާނާ، 5 އަހަރު ދުވަހުގެ ފަރުވާއަށް ފަހު ގެއަށް ދޫކޮށްލައިފިއެވެ.

ރަހުމަތްތެރިންނާއިއެކު 2014 ވަނަ އަހަރު ބުދަޕެސްޓަށް ކުރި ދަތުރުގައި އޭނާ ކޭ ކުކުޅުގައި ނަޓްގެ އަސަރުހުރުމާއިއެކު ފުރަތަމަ ކާލިއެތިކޮޅާއިއެކު އެނަފިލެކްޓިކް ޝޮކަކަށް ގޮސްފައިވަނީ އޭމީ މޭ ޝޭޑްއެވެ.

ކަމާއި ސިއްހީ ތަޖުރިބާކާރުންގެ ކިބައިން ފަރުވާ ހޯދުމަށްފަހު އާއިލާގެ ގާތަށް، އޭމީ ގެއަށް ގޮސްފައިވަނީ އޭނާއާއި އެކަށީގެންވާ ގޮތަށް ގޭގެ ފަރުމާތަކަށްވެސް ބަދަލު ގެނެސްގެންނެވެ.

އޭމީގެ މަންމަވަނީ އޭނާގެ ދަރިފުޅަށް އަނބުރާ ގެއަށް އާދެވޭ ގޮތްވުމުން އެކަމާއި އުފާކުރާކަން ހާމަކޮށްފައެވެ.

ކާލި ފުރަތަމަ އެތިކޮޅާއިއެކު ޝޮކަށް ދިޔަ އޭމީގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ ކާޑިއެކް އެރެސްޓަކަށް ގޮސް، ހައެއްކަ މިނެޓަށް އޭނާގެ ހިތް ހުއްޓުމުގެ ސަބަބުންނެވެ. މި ހާދިސާއަށްފަހު އޭމީގެ ހަށިގަނޑުގެ އެއްފަޅި ޕެރަލައިޒްވެ، ވާހަކަދައްކާ އުޅުމަށްވެސް ގޮންޖެހުންތަކެއް ކުރިމަތިވިއިރު، ލޮލުގެ ފެނުމަށްވެސް އަސަރުތަކެއް ކުރިއެވެ.

އައީޓީވީގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އޭމީއަކީ އެންމެ ކުޑަ ދުވަހުއްސުރެ ފެށިގެންވެސް ނަޓަށް އެލާޖިކްވާ ކުއްޖަކަށްވީއިރު، ސްކޫލް ދައުރު ނިންމާލީވެސް އެފަދަ ހާދިސާއަކާއި ކުރިމަތިނުވެއެވެ. އޭމީއަކީ އަބަދުވެސް އެލާޖިކް ރިއެކްޝަނަކަށް ބޭސް ހިފައިގެން އުޅޭ ކުއްޖެއް ކަމަށް އޭނާގެ މަންމަ ބުނެއެވެ. އަދި ބުދަޕެސްޓްގައި އޭނާ ކެއި ރެސްޓޯރަންޓަށްވެސް އެލާޖީ ސެޓްފިކެޓް ދެއްކި ކަމަށްވެސްވެއެވެ. އަދި އޭނާ ކޭ ކުކުޅުގައި ނަޓްގެ އަސަރެއް ނުހުންނާނެ ކަމަށް އެ ރެސްޓޯރަންޓުން ބުނެފައިވާކަމަށްވެސްވެއެވެ.

ކާ އެއްޗިއްސަށް އެލާޖިކްވުމަކީ އާންމުންގެ ގިނަ ބަޔަކު އެކަމާއި މާ ބޮޑަށް ހޭލުންތެރިވެފައި އޮންނަ ކަމެއް ނޫނެވެ. އެފަދަ ތަކުލީފެއް އުފުލާ މީހަކަށް ނޫނީ އެކަމުގައި ހުރި ބިރުވެރިކަމާއި ހިތްދަތިކަންވެސް އޮންނަނީ ނުވިސްނިފައެވެ. ނަމަވެސް، މިއީ މިހާރަށްވުރެ ބޮޑަށް މީހުން ސަމާލުވާންވީ ކަމެކެވެ. ހަށިގަނޑާއި ނުގުޅޭ ކިތަންމެ ކުޑަ ކާއެއްޗެއްގެ ސަބަބުންވެސް ފުރާނަ ގެއްލިދިއުން ފަދަ އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ކަންކަމާއި ކުރިމަތިލާންޖެހިފައި އެބަހުއްޓެވެ.