ދީނީ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތައް އެންމެ ފުރިހަމަ ގޮތުގައި އަޅުކަންތައް އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސައުދީގެ ސަލްމާން ރަސްގެފާނު އިރުޝާދު ދެއްވާފައިވާކަމަށް މަދީނާގެ ގަވަރުނަރު، އަމީރު ފައިސަލް ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

ޕްރިންސް ފައިސަލް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، 19 ވަނަ މަދީނާ ސައިންޓިފިކް ފޯރަމްގެ އިފްތިތާހީ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފޯރަމްއަކީ ކަސްޓޯޑިއަން އޮފް ދަ ޓޫ ހޯލީ މޮސްކްސް އިންސްޓިޓިއުޓް އޮފް ޙައްޖު އެންޑް އުމްރާ ރިސާޗް އިން ތޮއިބާ ޔުނިވާސިޓީއާއި ގުޅިގެން ކުރިއަށް ގެންދާ ފޯރަމްއެކެވެ.

ޕްރިންސް ފައިސަލް ވިދާޅުވީ ޙައްޖާއި އުމްރާގެ އަޅުމަކަށް ސައުދީއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އިސްލާމީ ތާރީހާއި މުޤައްދަސް ބިނާތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތައް އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ބަޖެޓްވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ.

ޙައްޖާއި އުމްރާގެ މަތިވެރިކަން އަޅުކަން އަދާކުރުމަށް ސައުދީއަށް ޒިޔާރަތްކުރާ ބޭރުގެ ގައުމުތަކުގެ މުސްލިމުންގެ ތެރެއިން %90 މީހުން ގަބޫލުކުރާ ގޮތުގައި، މި މަތިވެރި ދަތުރަކީ ރައްކާތެރި އަދި ހަމަޖެހިލައިގެން އުޅެވޭނެ ދަތުރެއްކަން ކަށަވަރުކޮށްދިނުމަށް ސައުދީ އަރަބިއްޔާއިން މިހާރުވެސް ދަނީ އެދެވޭ މަސައްކަތްތަކެއް ކުރަމުންކަން ޕްރިންސް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.