އަފްޣާނިސްތާނުގެ ސަރުކާރާއިއެކު ސުލްހަ ގާއިމުކޮށް އެއްބަސްވުމެއް އެކުލަވާލުމަށް އެއްބަސްވެ، އެފަދަ މަޝްވަރާތަކެއް އެމެރިކާއާއިއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ތޯލިބާން ހަނގުރާމަވެރިން އިންކާރުކޮށްފިއެވެ.

އަފްޣާނިސްތާނުގައި ސުލްހަ ގާއިމު ކުރުމާއި ބެހޭ ގޮތުން ތޯލިބާނުންނާއި އެމެރިކާއާއި ދެމެދު ދޯހާގައި ކުރިއަށްދާ މަޝްވަރާތަކުގައި، އަފްޣާނިސްތާނުގެ ސަރުކާރާއި ތޯލިބާން ހަނގުރާމަވެރިންނާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާ ކަމުގެ ވާހަކަތައް ދެކުނު ކަމަށް ތޯލިބާނުން އިންކާރުކޮށްފައިވީ ނަމަވެސް، އެމެރިކާގެ ވާހަކަތައް މިއާއި ތަފާތެވެ.

ތޯލިބާނުންގެ ތަރުޖަމާނު ޒަބީހުއްﷲ މުޖާހިދު ބުނީ މި މަރުހަލާއަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އެގައުމުން ފޭބުމަށްފަހު އެފަދަ ކަމަކަށް ފުރުސަތު ނުދިނުމާއި ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މަރުހަލާ ކަމަށެވެ. އެމެރިކާއާއިއެކު މަޝްވަރާކުރަމުންދަނީ އަފްޣާނިސްތާނާއި ގުޅުން ހުރި ހާރިޖީ ކަންކަމާއި ބެހޭ ގޮތުން ކަމަށާއި، ދާހިލީ އެއްވެސް މަޝްވަރާއަކާއި އެމެރިކާ ނުބައްސާ ކަމަށްވެސް ތޯލިބާނުންގެ ތަރުޖަމާނު ވަނީ ބުނެފައެވެ.

އެމެރިކާގެ ތަރުޖަމާނަކު ވިދާޅުވީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށްފަހު އަފްޣާނިސްތާނުގެ ސަރުކާރާއި ތޯލިބާނުން ސުލްހަވުމާއި ބެހޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ތޯލިބާނު ހަނގުރާމަވެރިންނާ އެމެރިކާގެ މަންދޫބުންނާ ދެމެދު ހޮނިހިރު ދުވަހުވެސް މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.