ފާއިތުވީ އަހަރެއްހާ ދުވަހަށް ބަލާއިރު، ހަފުތާއެއްގެ މައްޗަށް ޔަމަނުގެ އާންމު ރައްޔިތުންގެ 100އެއްހާ މީހުން މަރާލެވި ނުވަތަ ބޮޑެތި ޒަހަމްތަކެއްގެ ޝިކާރައަކަށްވެފައި ވާ ކަމަށް އދއިން ބުނެފިއެވެ.

އދއިން ބުނާ ގޮތުގައި ޔަމަނު ހަނގުރާމާގައި ފުރާނައަށް ނުރައްކާވާ މީހުންގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީވެސް އާންމު ރައްޔިތުންނެވެ.

ރެފިއުޖީންނާއި ބެހޭ އދގެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޔަމަނު ހަނގުރާމާގައި 2018 ވަނަ އަހަރު މަރުވި އާންމުންނާއި ޒަހަމްވީ އާންމު ރައްޔިތުންގެ އަދަދު 4800އަށްވުރެ މައްޗަށް އަރައެވެ. މަރުވި ކުޑަކުދިންގެ އަދަދު 410އަށް އަރާއިރު، ޒަހަމްވީ ކުޑަކުދިންގެ އަދަދު 542 އަށްވަނީ އަރާފައެވެ.

ޔަމަނު ހަނގުރާމާގައި މަރުވާ އާންމުންގެ އަދަދާއި މެދު ކަންބޮޑުވުންތައް އުފެދިފައިވާއިރު މީގެ ތެރެއިން %30 މީހުންނަކީ އެމީހުންގެ ގެތަކުގައި ތިއްބާ ޒަހަމްކޮށްލެވުނު ނޫނީ މަރާލެވުނު މީހުން ކަމަށްވެސް އދއިން ވަނީ ފާހަގަކޮށްފައެވެ. ހަމަލާތަކުގެ ޝިކާރައަކަށްވީ އާންމު ރައްޔިތުންގެ ތެރޭގައި ހަނގުރާމާގައި އެއްވެސް ވަރަކަށް ބައިވެރިވެފައި ނުވާ މީހުންނާއި، މަގުތަކުގައި ހިނގާފައިދިޔަ މީހުންނާއި، ދަނޑުބިންތަކުގައި މަސައްކަތްކުރަމުންދިޔަ މީހުންނާއި އެނޫންވެސް މަދަނީ ތަންތަނުގައި ތިބި މީހުން ހިމެނޭކަންވެސް އދއިން ވަނީ ފާހަގަކޮށްފައެވެ.

މިހުރިހާ ކަމެއްގެ އިތުރުން ޔަމަނު ހަނގުރާމައިގެ ސަބަބުން އެގައުމުގައި އުފެދިފައިވާ އިންސާނީ ކާރިސާގައި ބަނޑަށް ޖެހިގެން މަރުވި ކުޑަކުދިންގެ އަދަދު 85000އަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ޔަމަނުގެ ހަނގުރާމަ ދިގުލާ ގޮސްފައިވާއިރު، މި ހަނގުރާމައަށް ސުލްހަވެރި ހޯދުމަށް އެއްބަސްވުންތަކެއް އެކުލަވާލުން ފިޔަވާ މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.