އިސްރާއީލާއި ޣައްޒާ ހިއްސާކުރާ ސަރަހައްދީ އިމުގައި ޖަހާފައިވާ ފެންސް ކައިރީގައި މުޒާހަރާ ކުރަމުންދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ދިން އުދުވާނީ ހަމަލާތަކުގައި ފަލަސްޠީނުގެ ޒުވާނަކު ޝަހީދުވެ، 40 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފު އަލް ޤިދުރާ ވިދާޅުވީ، ޝަހީދުކޮށްލާފައިވަނީ ތާމިރު އަރަފާތު ނަމަކަށް ކިއާ، 23 އަހަރުގެ ޒުވާނެއް ކަމަށެވެ. މައުލުމާތު ލިބޭ ގޮތުގައި އިސްރާއީލުން ހަމަލާ ދީފައިވަނީ ތާމިރުގެ ބޮލަށެވެ. އޭނާ ޝަހީދުވީ ހަމަލާގައި ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށް ޤިދުރާ ވިދާޅުވިއެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާއަކީ، އިސްރާއީލާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ހަފުތާއަކު 1 ފަހަރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ 50 ވަނަ އަށްވީ ހަފުތާގެ މުޒާހަރާއެވެ.

ޤިދުރާ ވިދާޅުވީ އިސްރާއީލުންދިން ބަޑީގެ ހަމަލާތަކުގައި ފަލަސްޠީނުގެ 48 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށާއި އޭގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ 4 މީހެއްގެ އިތުރުން 2 އަންހެނަކާއި 15 ކުޑަކުދިން ހިމެނޭ ކަމަށެވެ.

ދިފާއުގައި އިސްރާއީލު އަސްކަރިއްޔާއިން ބުނީ އިސްރާއީލާއި ދެކޮލަށް ކުރި މުޒާހަރާގައި 8000އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށާއި، އެމީހުންނަކީ އިސްރާއީލުގެ އަސްކަރީ ސިފައިންނަށް އޮށްގަލާއި ގޮވާތަކެތި އުކި މީހުން ކަމަށެވެ. މީގެ އިތުރުން އިސްރާއީލުގެ ފެންސު ހުރަސްކޮށް ގަވައިދާ ހިލާފަށް އިސްރާއީލަށް އެތެރެވުމަށްވެސް ބަޔަކު މަސައްކަތް ކުރި ކަމަށް އިސްރާއީލު އަސްކަރިއްޔާއިންވަނީ ތުހުމަތު ކޮށްފައެވެ.

އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ ހަމަލާދީފައިވަނީ ސްޓޭންޑަޑް އޮޕަރޭޝަން ޕްރޮސީޖާޒްގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އިސްރާއީލާއި ފަލަސްޠީނާއި ދެމެދު ހަމަނުޖެހުންތައް ގަދަވާން ފަށާފައިވާއިރު މިސްރުން ދަނީ ދެފަރާތް ސުލްހަ ކުރުމަށް މަސައްކަތްތައް ކުރަމުންނެވެ.

އިސްރާއީލާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ބޮޑު މުޒާހަރާ ފެށީ 2018 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހުއެވެ. އޭގެ ފަހުން އަހަރެއްހާ ދުވަސް ފާއިތުވެފައިވާއިރު، އިސްރާއީލުގެ އުދުވާންތަކުގައި ފަލަސްޠީނުގެ 267 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 40 ކުޑަކުދިންނާ، 2 އަންހެނަކާ، 2 ނޫސްވެރިއެއްގެ އިތުރުން ޕެރަމެޑިކްސްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ 3 މީހެއްގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ 8 މީހަކުވެސް ހިމެނެއެވެ.