ދަނގެތީ ދާއިރާއަށް، ޖުމްހޫރީޕާޓީން ކުރިމަތިލި ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ނަމުގައި އޮންނަ "ނާޒިމް އަފާފު ފައުންޑޭޝަނުން" މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ދަނގެތީ ދާއިރާގެ ރަށްރަށަށް ވަކިކަންތައްތަކެއް ކޮށްދޭނެ ކަމަށް ބުނަމުން ދާތީ، އެމައްސަލަ އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

އެމްޑީޕީން އީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ކެންޑިޑޭޓް ނާޒިމްގެ ކެމްޕޭނު ވައިބާ ގްރޫޕް ކަމަށްވާ “Dhagethi 2019″ ގައި، ދަނގެތީ ކައުންސިލަރު ރަމްޒީ ލިޔުނު ޕޯސްޓެއްގައި، ދަނގެތީ ހަނދުރުބާ ގިޑިގޭގެ "ހުރިހާ ހަރަދެއް ފަންޑުކޮށް ދެއްވީ ނާޒިމް އަފާފު އުންޑޭޝަނުން" މިހެން ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ހިދުމަތެއް ފޯރުކޮށް ދިނުން ނުވަތަ މިނޫންވެސް މަންފާއެއް ފޯރުކޮށް ދިނުން ނުވަތަ މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުމަކީ ކުށެއް ކަމުގައި އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.