ވޭތުގެ ދިޔަ 5 އަހަރު ތެރޭގައި ވެރިކަން ބަދަލު ކުރައްވާނެ ނަމަ ކުރައްވަން ފަހި 3 ފުރުސަތެއް ލިބިގެން ދިޔަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެ ކެންޕޭނު ޖަލްސާއެއްގައި ވަހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ފެބްރުއަރީ 7 ގައި އެމަނިކުފާނުގެ ވެރިިކަން ވެއްޓުމުން ޖެހިގެން އައި ދުވަހު ރައްޔިތުން މަގުތަކަށް ނުކުތް ނުކުތުމަކީ މެޖެސެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އެއް އިރަކުވެސް ވެރިކަން ވައްޓާލައްވަން ބޭނުންފުޅުވި ބޭފުޅެއް ނޫން ކަމަށާ ލިބިގެން ދިޔަ 3 ފުރުސަތުގައި އެކަން ނުވީވެސް އެހެން ވެގެން ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ނިމި ވޭތުގެ ދިޔަ ފަސް އަހަރު ތެރޭގައި ކޮންމެ މަހަކު ދެފަހަރު ކަހަލަ ގޮތަކަށް ދިވެހިން އެމަނިކުފާނާ ގުޅުއްވާ ރާއްޖޭގެ ވެރިކަން ބަދަލުވާން ޖެހޭ ވާހަކަ ދައްކަވާފައި އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ސަލާމަތީ ބާރު ތަކުގެ ބޭފުޅުންވެސް ހިމެނޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ރައީސް މައުމޫނުގެ ވެރިކަން ނިމި ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ނަޝީދުގެ ވެރިކަން ނިމުނީ 2012 ފެބްރުއަރީ 7 ވަނަ ދުވަހު އެވެ.