ތައިލޭންޑްގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އެގައުމުގެ ރަސްގެފާނުގެ ކޮއްކޯފުޅުގެ ނަން ހުށަހެޅި ސިޔާސީ ޕާޓީ އުވާލުމަށް ތައިލޭންޑްގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

އަމީރާ އުބޯލްރަތުނާގެ ނަންފުޅު ބޮޑުވަޒީރު ކަމުގެ މަގާމަށް ނޮމިނޭޓްކޮށްފައިވަނީ އަރުވާލެވިފައިވާ ތައިލޭންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސީން ޝިނަވަޓްރާގެ ތާއީދު އޮންނަ ތައި ރަކްސާ ޗާޓްއިންނެވެ.

މުރާސިލުން ބުނާ ގޮތުގައި ޕާޓީ އުވާލުމަކީ، މި ހިނގާ މާޗުމަހުގެ ފަހުކޮޅު ތައިލޭންޑްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމީ އިންތިހާބުގައި ތަކްސީންގެ ސަޕޯޓަރުން ކުރި ހޯދުމަށް އެޅުނު ބޮޑު ހުރެހެކެވެ.

މީގެ 5 އަހަރުކުރިން ގެނައި ބަޣާވާތަށްފަހު ތައިލޭންޑްގައި ވެރިކަން ކުރަމުން އަންނަނީ އެގައުމުގެ އަސްކަރިއްޔާއިންނެވެ.

ގާނޫނީ ބާރު ލިބިފައިވާ ތައިލޭންޑްގެ އެންމެ މަތީ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އަމީރާ އުބޯލްރަތުނާ ނޮމިނޭޓްކުރި ކުރުމަކީ ތައިލޭންޑްގެ ރަސްކަމުގެ ހާންދާން ވަކިފަރާތަކަށް ނުޖެހި އޮންނަންޖެހޭ އޮތުމަށް ކުރިމަތިކުރި ނުރައްކަލެއް ކަމަށެވެ.

ސިޔާސީ ޕާޓީ އުވާލުމުގެ އިތުރުން އެ ޕާޓީގެ އެގްޒެކެޓިވް މެމްބަރުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން 10 އަހަރަށް މަނާކަމަށްވެސް ހުކުމުގައިވަނީ ބަޔާންކޮށްފައެވެ. މިއާއެކު، ކުރިއަށް އޮތް އިންތިހާބުގައިވެސް އެ ފަރާތްތަކަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނީއެވެ.

ހުކުމް އިއްވަވަމުން ފަނޑިޔާރު ނާޚީން މެކްތްރައިރާތު ވިދާޅުވީ، ތައިލޭންޑްގެ ރަސްކަމުގެ ހާންދާނަކީ ސިޔާސީ އިމުގެ މަތީގައި ތިއްބަވާނެ ބައެއް ކަމަށާއި، އެބޭފުޅުންނަކީ ސިޔާސީ ގޮތުން ވަކިފަރާތަކަށް ޖެހިވަޑައިގަންނަވާނެ ބައެއް ނޫންކަމަށެވެ. އަދި ރަސްގެފާނާއި، ރާނީގެ އިތުރުން އަމިރާއިންނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ ބޭފުޅުންނެއް ނޫންކަމަށާއި، އެގޮތުން އެބޭފުޅުންނަކީ ވޯޓުލުމުގެ ހައްގު ލިބިވަޑައިގެންފައިވާ ބައެއް ނޫންކަމަށްވެސް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ޑިމޮކްރަޓިކް އިމުގެ ތެރެއިން ތައިލޭންޑްގައި އިންތިހާބުކޮށްފައި އޮތް ސަރުކާރު، އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށްފަހު ބޮޑުވަޒީރު ކަމާއި ޕްރާޔޫތް ޗާން-އޯޗާ ހަވާލުވިފަހުން އެގައުމުގައި ފުރަތަމަ ފަހަރަށް އިންތިހާބެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މާޗްމަހުގެ 24 ވަނަ ދުވަހަށެވެ.