އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކުރީގެ ކެމްޕޭން މެނޭޖަރު ޕޯލް މެނަފޯޓްގެ މައްޗަށް 47 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މެނަފޯޓްގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ ޓެކްސްއަށް ހިޔާނާތްތެރިވުމާއި ބޭންކަށް އޮޅުވާލުމުގެ މައްސަލަތަކެއްގައެވެ.

މެނަފޯޓްއާއި ދެކޮޅަށް މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި ދައުވާ އުފުލީ، ޔޫކްރައިންގައި ކުރިއަށް ގެންދާ ކަންސަލްޓަންސީގެ މަސައްކަތުން ލިބޭ އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީ "ފޮރުވާ" މައްސަލައާއި ގުޅިގެންނެވެ.

މީގެ އިތުރުން ޣައިރު ގާނޫނީކޮށް ލޮބީކުރުމުގެ ކުށުގައި މެނަފޯޓްގެ މައްޗަށް އަންނަ ހަފުތާގައި އިތުރު ހުކުމެއް އިއްވާނެ ކަމަށްވެސް ބެލެވެއެވެ.

މެނަފޯޓްއާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކަކީ، 2016 ވަނަ އަހަރު އެމެރިކާގައި ކުރިއަށްގެންދިޔަ ރިޔާސީ ރޭސް ޓްރަމްޕަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ރަޝިޔާ ނުފޫޒެއް ބައިވެރިކޮށްފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ހިންގާ ތަހުގީގުން ކުރި ފެޅި ދައުވާތަކެކެވެ.

47 މަހުގެ ޖަލު ހުކުމް ތަންފީޒުކުރުމުގެ އިތުރުން އޭނާ ހިޔާނާތްވެފައިވާ 24 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށާއި ޖޫރިމަނާއަށްވާ 50000 ޑޮލަރު ދެއްކުމަށްވެސް މެނަފޯޓްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ކަންމިހެންއޮތްނަމަވެސް މެނަފޯޓްގެ މައްޗަށް އިއްވާފައިވަނީ ގާނޫނުގައި ބަޔާންކުރާ މިންވަރާ އަޅާ ބަލާއިރު ކުޑަ ހުކުމެއް ކަމަށް ބުނެވެއެވެ.