ޗައިނާގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އައި ލީ އިރުޔޫ އާދަވެގެން ކޮންމެ ހޮނިހިރު ދުވަހަކުވެސް ކުރާ ކަމެއް އޮވެއެވެ. އެއީ އޭނާއަށް ހާއްސަ މޯބައިލް ނަންބަރަކަށް އެންމެ ފަހަރަކު ނަމަވެސް ރިންގުކޮށްލުމެވެ. ޖަވާބުގައި އެކޮޅުން ބުނަނަނީ ފޯނު ނިއްވާލާފައި އޮންނަ ކަމަށެވެ. އެނޫން ޖަވާބެއް ނުލިބޭނެކަން އެނގިހުރެވެސް ލީ އެކަން ކުރަނީއެވެ. އެނަންބަރު ހާއްސަވަނީ ލީގެ ފިރިހެންދަރިފުޅަށެވެ. މެލޭޝިއާގެ ކުއާލަ ލަމްޕޫރުން ފުރައިގެން ޗައިނާގެ ބީޖިންގްއަށް ދަތުކުރަމުންދަނިކޮށް ވީނުވީއެއް ނޭނގި އަދާޖެހެންދެންވެސް ގެއްލިފައިވާ އެމްއެޗް 370އިން ދަތުރުކުރި 239 މީހުންގެ ތެރޭގައި އެ ދަރިފުޅުވެސް ހިމެނެއެވެ. އެ ހާދިސާއަށް 5 އަހަރުފުރުނުއިރުވެސް ލީގެ އާދައަކަށް ބަދަލެއް ނާދެއެވެ.

"އެކޮޅުން ކޮންމެ އެއްޗެއް ބުންޏަސް ހެޔޮ. އަހަރެންގެ ދަރިފުޅަށް އަހަރެން ގުޅާނަން. ފޯނު ނުނެގިއަސް، ދަރިފުޅަށް އަހަރެން މެސެޖެއް ދެން"! ޗައިނާގެ ރަށްފުށު ހިސާބެއްގައި ދިރިއުޅެމުން އަންނަ ލީ ކިއާދިނެވެ.

މެލޭޝިއާގައި ހިންގާ ޗައިނާގެ ޓެލެކޮމް ކުންފުނި ޒީ.ޓީ.އީގައި މަސައްކަތްކުރަމުން ދިޔަ، އުމުރުން 30 އަހަރުގެ ލީ ޔޭންލިންއަކީ 2014 ވަނަ އަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހު މެލޭޝިއާއިން ފުރި އެމް.އެޗް 370ގައި ހިމެނުނު ޗައިނާގެ 153 މީހުންގެ ތެރެއިން އެކަކެވެ.

"އަހަރެންގެ ދަރިފުޅަކީ، މިއަވަށު މީހުންގެ ތެރެއިން މަތިންދާބޯޓެއްގައި ގައުމުން ބޭރަށް ދިޔަ ފުރަތަމަ މީހާ". ޔޭންލިންގެ ބައްޕަ ބުންޏެވެ.

މިވާހަކަތައް ކިއާދިން އިރު ލީ ދިޔައީ، ޔޭންލިން މެލޭޝިއާގައި އެންމެ ފަހުން ހޭދަކުރި ޗުއްޓީގެ ފޮޓޯތައް ރައްކާކޮށްފައި ހުރި ފޮޓޯއަލްބަމެއްގެ ގަނޑުތައް އުކަމުންނެވެ. އެ ފޮޓޯތަކަކީ، ޔޭންލިންގެ ސޯޝަލް މީޑިއާ އެކައުންޓުން އޭނާގެ މައިންބަފައިން ޑައުންލޯޑްކޮށް، ޕްރިންޓުކޮށްގެން ގެންގުޅޭ ފޮޓޯތަކެކެވެ.

ޔޭންލިންގެ މަންމަ ބުނި ގޮތުގައި ބައެއް ރޭރޭ އޭނާއަށް ނިދެނެވީވެސް ގިސްލާ ރޯން އޮއްވައެވެ. މިއަދު އޭނާއަކީ ޑިޕްރެޝަންގެ މާޔޫސީ ކަނޑުގައި ޣަރަޣުވަމުންދާ އަންހެނެކެވެ.

ބިޔަ މަތިންދާބޯޓު ހޯދަން ކުރި އެއްވެސް މަސައްކަތަކެއް މިހާތަނަށްވެސް ކާމިޔާބުވެފައެއް ނުވެއެވެ. ބޯޓު ހޯދުމަށް މެލޭޝިއާއާއި ޗައިނާގެ އިތުރުން އޮސްޓްރޭލިއާ ކުރިއަށްގެންދިޔަ 141 މިލިއަން ޑޮލަރުގެ އަގުބޮޑު އޮޕަރޭޝަންވެސް ނިންމާލި އެއްވެސް ކޮޅެއްގައި ނުޖެހިއެވެ. އޭގެ ފަހުން އެމެރިކާގެ ކުންފުންޏަކުން ކުރިއަށްގެންދިޔަ އޮޕަރޭޝަންވެސް ހުއްޓާލީ އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. ކަންމިހެންއޮތްނަމަވެސް މެލޭޝިއާއިންވަނީ އެދެވޭ ލީޑްތަކަކާއިއެކު ޕްރޮޕޯސަލް ހުށަހަޅައިފިނަމަ ބޯޓު ހޯދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް ބުނެފައެވެ. ނަމަވެސް މި އޮޕަރޭޝަނަށް ހިނގާ ފައިސާގެ ބަދަލު ދެވޭނީ ބޯޓު ފެނިއްޖެނަމަ އެކަނިވެސް ކަމަށްވެސް މެލޭޝިއާއިންވަނީ ބުނެފައެވެ.

މީގެ 5 އަހަރުކުރިން ދަރިފުޅު ގެއްލުމާއިއެކު ލީ އޭނާގެ ދަނޑުވެރިކަންވެސް ދޫކޮށްލިފަދައެވެ. ދަނޑުގޮވާންކޮށް ރުކުރުވުމުގެ މަސައްކަތަކަށް ނުނިކުމެއެވެ. ލީގެ މަސައްކަތަކަށް މިހާރު ވެފައި އޮންނަނީ ވެރިރަށް ބީޖިންގްއާއި އޭނާގެ އަވަށާއި ދެމެދު ދަތުރުކުރުމެވެ. މެލޭޝިއާއާއި ޗައިނާގެ އޮފިޝަލުންނާއި ބައްދަލުކުރުމަށެވެ. ގެއްލިފައިވާ ދަރިފުޅު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބޭތޯއެވެ.

ލީ ދަނީ މި ދަތުރުތަކުގައި އޭނާ ބޭނުންކުރާ ރޭލުދަތުރުތަކުގެ ޓިކެޓުބުރިތައްވެސް އެއްކުރަމުންނެވެ. އެއީވެސް އޭނާގެ ދަރިފުޅު ހޯދަން ކުރާ މަސައްކަތުގައި އޭނާއަށް ލިބޭ ހިތްހަމަޖެހުމެކެވެ. ކިތަންމެ ހަރަދެއް ހިނގިކަމުގައިވީނަމަވެސް ލީ މިދަތުރުތައް ކުރަނީ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ތަސައްލީއެއް ލިބޭތީއެވެ. އަދާ ޖެހެންދެންވެސް ގެއްލިފައިވަނީ ބޮއިންގް ޓްރިޕްލް ސެވަން މަރުކާގެ މަތިންދާބޯޓެވެ. ހިތާއި ފުރާނައާއި ގުޅިފައިވާ ދަރިފުޅު ފެންނާނެ ކަމުގެ އުއްމީދެއް ނޫނެވެ.