ސޫރިޔާގެ ކަމާއި ބެހޭ ފަރާތްތަކުން އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ޑީޕޯޓް ކުރަމުން ދާ ކަމަށް ބުނާ މައްސަލައިގެ އިބްތިދާއީ ތަހުގީގު ފަށައިދިނުމަށް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ވަކީލުން، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ)އަށް ގޮވާލައިފިއެވެ.

މިކަމަކީ، ސޫރިޔާގެ ދާހިލީ ހަނގުރާމާގައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތަކަށް އެ ސަރުކާރު ޖަވާބުދާރީ ކުރުމަށްވެސް އަޅާ ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުގެ ލޯ ފާމެއް ކަމަށްވާ ސްޓޯކް ވައިޓްއިން ބުނާ ގޮތުގައި، ސޫރިޔާގެ ސަރަހައްދީ އިން ހުރަސްކޮށް އުރުދުންއަށް އެތެރެވުމަށް މަޖުބޫރުކޮށްފައިވާ 28 މީހެއްގެ ހައްގުގައި އައި.ސީ.ސިއަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ ކަމާއި ބެހޭ ފަރާތްތަކުން ހިންގި ޖަރީމާއަށް ބަލާ، ސޫރިޔާގެ މައްސަލާގައި ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އައި.ސީ.ސީއަށް އެބައޮތްކަމަށް ކަމާއި ބެހޭ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މިޔަންމާއަކީ އައި.ސީ.ސީގެ މެމްބަރަކަށް ނުވި ނަމަވެސް، ރޯހިންޏާ ރެފިއުޖީން ހިޖުރަކުރި ބަންގްލަދޭޝްއަކީ އައި.ސީ.ސީގެ މެމްބަރެކެވެ. ހަމަ މިފަދައިން ސޫރިޔާއަކީވެސް އައި.ސީ.ސީގެ މެމްބަރެއް ނޫނެވެ. ނަމަވެސް އުރުދުންއަކީ މެމްބަރު ގައުމެކެވެ.

އައި.ސީ.ސީގެ ގާނޫނު ބުނާ ގޮތުން، މެމްބަރުން ނޫން ގައުމުތަކުގެ މައްޗަށް އެކޯޓުގެ އިހުތިސޯސެއް ނޯންނާނެއެވެ. އެހެންކަމުން ސޫރިޔާގެ ދާހިލީ ހަނގުރާމައިގެ ނަމުގައި ހިންގާފައިވާ ގިނަ ޖަރީމާތަކެއް ތަހުގީގު ނުކުރެވި، ކަމާއި ބެހޭ ފަރާތްތައް ޖަވާބުދާރީ ނުކުރެވި، އަވަސް ފުރުސަތެއްގައި އިންސާފެއް ލިބުމުގެ ފުރުސަތު އޮތީ ހަނިވެފައެވެ.