ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕައިންނަށް މުސާރައާއެކު އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ލިބޭގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިވިލް ސަރވިސްގަ ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން މުސާރައާއެކު ހަ މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕައިންނަށް މުސާރައާއެކު އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ލިބޭ ގޮތަށް ހަމަޖައްސަވައިފިކަމަށެވެ.

މިއީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި އުސޫލު ބަދަލުކުރުމުގެ ކުރިން އޮންނަނީ ވިހެއުމާއި ގުޅިގެން ބަންދު ދުވަސް ހިމެނޭ ގޮތަށް ތިން މަހުގެ މެޓާނިޓީ ލީވްއެކެވެ. އަދި ބައްޕައިންނަށް ލިބެނީ ބަންދު ދުވަސް ހިމެނޭގޮތަށް ޕެޓާނިޓީ ލީވްގެ ތިން ދުވަހެވެ.

"ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ، މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު. އެ މަސައްކަތް އަޅުގަނޑުމެން ފަށައިގަންނާނީ، ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކު. އެ ދަރިފުޅަށް ހޭހަންކުރުމުގެ ގޮތުން، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް، މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް، މުސާރައާ އެކުގައި ލިބޭނެ. ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް، އެއްމަސްދުވަހުގެ ޕެޓަރނިޓީ ލީވްވެސް، މުސާރައާއެކުގައި ލިބޭނެ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހަ މަސް ނުވާ ދަރިން ތިބިނަމަ، އެ ކުދިންގެ އުމުރުން ހަ މަސް ވާންދެން، ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެކުދިންގެ މައިންބަފައިންނަށްވެސް، މި ސިޔާސަތުގެ ދަށުން ޗުއްޓީ، މިއަދުން ފެށިގެން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.