އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް މިހާރު ވެސް އީސީގެ މެންބަރުކަމުގައި ހުންނެވި އިސްމާއިލް ހަބީބު އަލުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ހަބީބަށް ރުހުން ދީފައިވަނީ މަޖިލީހުހެ ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓާއެކުއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އާންމުކުރި ރިޕޯޓުގައި ވާގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް، އެންމެ މަތިން މާކްސް ލިބިފައިވަނީ އެ ކޮމިޝަންގެ މިހާރުގެ މެމްބަރު އިސްމާއިލް ހަބީބަށެވެ. ހަބީބަށް 90 ޕަސެންޓު ދީފައިވާއިރު، ކޮމިޝަންގެ މެމްބަރަކަށް އޭނާ އައްޔަން ކުރަން އެ ކޮމިޓީން ވެސް އޮތީ ފާސްކޮށްފައެވެ.

ކޮމިޝަނަށް އައްޔަން ކުރުމަށް ގާބިލް ފަރާތެއް ކަމަށް ކަނޑައަޅަނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑުން މާކްސް ދިނުމުން އެވްރެޖް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބޭ މީހުންނެވެ. ހަބީބްގެ އިތުރުން، އަހުމަދު މޫސާ އަށްވެސް 75 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބިފެއެވެ. ނަމަވެސް، މަޖިލީހުން މިއަދު ނިންމާފައިވަނީ ހަބީބު އެ މަގާމަށް އަލުން އައްޔަން ކުރުމަށް ރުހުން ދިނުމަށެވެ.

އީސިއަށް މެންބަރަކު އައްޔަން ކުރަނީ މި މަހުގެ 13 ވަނަ ދުވަހު މެންބަރު ހަބީބުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ.