ސައުދީގެ ސަލްމާން ރަސްގެފާނާއި ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) އާ ދެމެދު، ގިނަ މައްސަލަތަކެއްގައި ހިޔާލު ތަފާތުވުންތައް އުފެދި، ދެބަފައިކަލުންގެ ގުޅުމަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

އިނގިރޭސިވިލާތުގެ ދުވަހު ނޫހެއް ކަމަށްވާ ދަ ގާޑިއަންއާއި ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި، ސަލްމާން ރަސްގެފާނާއި އެމް.ބީ.އެސްއާއި ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލަތަކުގެ ތެރޭގައި ޔަމަނު ހަނގުރާމައިގެ މައްސަލަ ހިމެނެއެވެ.

ސަލްމާން ރަސްގެފާނާއި އެމް.ބީ.އެސްއާއި ދެމެދު މައްސަލަތަކެއްޖެހެނުކަން ހާމަވާން ފަށާފައިވަނީ، ހުސްވި މަހު ސަލްމާން ރަސްގެފާނު މިސްރަށް ކުރެއްވި ދަތުރުފުޅެއްގައި، ވަލީއަހުދުގެ ފަރާތްޕުޅުން އަތުވެދާނެ "ހަމަލާއަކަށް" ތައްޔާރަށް ހުންނެވުމަށް ސަލްމާން ރަސްގެފާނުގެ މުޝީރުން އިންޒާރު ކުރެއްވި ހިސާބުންނެވެ. ގާޑިއަން ނޫހުން މިވާހަކަތައް އާންމުކޮށްފައިވަނީ ނަން ހާމަކުރަން ނޭދޭ މަސްދަރުތަކަކާއި ހަވާލާދީއެވެ.

މިސްރު ދަތުރުފުޅުގައި މުޝީރުން ކަންބޮޑުވެވަޑައިގެންނެވުމުގެ ނަތީޖާއެއްގެ ގޮތުން ސަލްމާން ރަސްގެފާނުގެ ސެކިއުރިޓީ ޓީމަށް މެމްބަރުން ހޮވާފައިވަނީ ވަފާތެރިންގެ މެދުގައި އަތްފުނާއަޅުއްވައިގެން ކަމަށާއި، އެޓީމުގައި 30 މެމްބަރުން އެކުލެވުނު ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި މިސްރުގައި ތިބި ސަލާމަތީ ގާޑުންވެސް މަގާމުން ވީއްލުނު ކަމަށް ގާޑިއަން ނޫހުން ބުނެފައިވެއެވެ.

އެމް.ބީ.އެސްއާއި ސަލްމާން ރަސްގެފާނާއި ދެމެދު ހިޔާލުތަފާތުވުންތައް އުފެދުނު އިތުރު މައްސަލަތަކުގެ ތެރޭގައި ސޫދާނާއި އަލްޖަޒާއިރުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅުންހުރި މައްސަލަތަކެއްވެސް ހިމެނެއެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު ކަމުގެ މަގާމަށް އެމް.ބީ.އެސް ވަޑައިގަތީ، ޝާހީ އާއިލާގެ ގިނަ ބޭފުޅުންތަކަކާއި "ހަނގުރާމަކުރައްވާ" ގިނަ ބޭފުޅުންތަކެއް ހައްޔަރުކުރައްވާ، އިޖުތިމާއީ ފެންވަރުގައި ހަރަކާތްތެރިވަމުންދިޔަ ގިނަ އެކްޓިވިސްޓުންތަކެއްގެ އަޑުކަނޑުއްވާލެއްވުމަށްފަހު، ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައެވެ. އަދި މަގާމާއި ހަވާލުވެވަޑައިގަތުމަށް ސައުދީއަށް ގެންނަވަން އިއުލާންކުރެއްވި "އިންގިލާބީ އިސްލާހު"ތަކާއި ހައިރާންކުރުވަނިވި ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ސަމާލުކަންވެސް އެމް.ބީ.އެސްއަށް އަމާޒުވިއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް ސައުދީގެ ޝާހީ އާއިލާގެ އިތުރުން އެމް.ބީ.އެސްއަށް ފާޅުގައި ފާޑުކިޔަމުންދިޔަ ތަޖުރިބާކާރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލެވުނު ހާދިސާއާއި ގުޅިގެންވެސް އެމް.ބީ.އެސްއަށް ވަނީ ތުހުމަތުގެ އިނގިލި އަމާޒުވެފައެވެ. ނަމަވެސް އެމައްސަލާގައި ސައުދީ ސަރުކާރުން އަދިވެސް އޮތީ އެމް.ބީ.އެސްގެ ދިފާއުގައެވެ. ޚަޝޯގީގެ މަރަކީ ދުރާލާ ރާވައިގެން ހިންގި އަމަލެއް ނަމަވެސް އެކަމުގައި އެމް.ބީ.އެސްގެ އަތެއް ނުވާކަމަށް ސައުދީއިން ދަނީ ބުނަމުންނެވެ. މީގެ އިތުރުން އެމެރިކާއާއިވެސް އެމް.ބީ.އެސް ގުޅުން ބަދަހިކުރައްވާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ހުންނެވީ އެމް.ބީ.އެސްގެ ދިފާއުގައެވެ.