ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އެމެރިކާ އަސްކަރިއްޔާގެ ސިފައިންގެ ތެރެއިން ބަޔަކު އެގައުމުގައި ބައިތިއްބަންޖެހޭ ކަމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިހާރު 100 އިންސައްތަ ގަބޫލުފުޅު ކުރައްވާކަން ހާމަވެއްޖެއެވެ.

ކަންމިހެން އޮތްއިރު، ސޫރިޔާގައި ހަނގުރާމަ ކުރަމުންދިޔަ އައިސިސް ޖަމާއަތް ބަލިކޮށްލެވިފައިވާ ކަމަށާއި، ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ 2000 އެއްހާ ސިފައިން އަނބުރާ ގައުމަށް ގެނައުމަށް ވިސްނަވާކަން ޓްރަމްޕް އިއުލާންކުރެއްވީ މީގެ ދެމަހެއްހާ ދުވަސްކުރިންނެވެ. ޓްރަމްޕްގެ މި ނިންމެވުމާ ގުޅިގެން އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް މަގާމުތަކަށް ވެސް ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފައެވެ.

ސޫރިޔާއިން އެމެރިކާ ސިފައިން މުޅިން ބޭލުމާއި މެދު ދެބަސްވުންތަކެއް އުފެދިފައިވަނިކޮށް، އެމެރިކާގެ 200 އެއްހާ ސިފައިން ސޫރިޔާގައި މަޑުކުރުމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާ ކަމަށް އެން.ބީ.ސީއަށް ލިބިފައިވާ ސިޓީފުޅެއްގައިވާކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

ސޫރިޔާގައި ދިގުލާ ގޮސްފައިވާ ހަނގުރާމައިގެ ތެރެއަށް ވަދެ ވަރުގަދަ ކުރިމަތިލުންތަކެއް ހިންގަމުންދިޔަ އައިސިސް ޖަމާއަތުގެ ބާރު މިހާރު ވަނީ މުޅިންހެން ކަނޑުވާލެވިފައެވެ. ސޫރިޔާގައި އައިސިސްގެ ކޮންޓްރޯލް އޮތީ އެންމެ ސަރަހައްދެއްގައި ކަމަށްވާއިރު، ގިނަ އަދަދެއްގެ ހަނގުރާމަވެރިން މިހާރު އެސަރަހައްދުވެސް ދޫކޮށްދާން ފަށާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، އައިސިސްއާއި ގުޅުމަށް ސޫރިޔާއަށް ދަތުރުކުރި އެކި ގައުމުތަކުގެ މީހުން މިހާރު ދަނީ އެމީހުންގެ އަމިއްލަ ވަޒަނަށް ދާން ބޭނުންވާ ކަމަށްވެސް ބުނަމުންނެވެ.