ޗައިނާގައި ދިރިއުޅޭ މިލިއަނަކަށްވުރެ ގިނަ މުސްލިމުން ބަންދުކޮށްފައިވާ ޝީންޖިއާންގް ސަރަހައްދަށް އެތެރެވުމުގެ ހުއްދައަކަށް އެދިފައިވާނެ ކަމަށް، ދީނީ މިނިވަންކަމާއި ގުޅުންހުރި މައްސަލަތައް ބެއްލެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އދގެ ސްޕެޝަލް ރެޕަޗުއާ ޑރ. އަޙުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ދިރިއުޅެމުންދާ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ކޮމިއުނިސްޓް ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. ރީހެބިލިޓޭޝަން އަދި ވޮކޭޝަނަލް ތަމްރީނުތަކެއް ދޭ މަރުކަޒުތަކެއްގައި ކަމަށް ބުނެ ޗައިނާއިންވަނީ މިލިއަނަކަށްވުރެ ގިނަ ވީގޫރު ދަރިކޮޅު މުސްލިމުން ޝީންޖިއާންގްގެ ކޭމްޕުތަކުގައި ބަންދުކޮށްފައެވެ. އިސްލާމް ދީނުގެ ފަރުޟުތަކާއި ރުކުންތައް އަދާކުރުންވެސް ޗައިނާގައި މަނާކޮށްފައިވާއިރު، މިފަދަ އަމަލެއް ކުރަނިކޮށް ފެނިއްޖެނަމަ އެމީހަކު ހައްޔަރުކޮށް އަދަބުވެސް ދެވެއެވެ.
މިކަމާއި ގުޅިގެން ބައިނައަލްއަގުވާމީ ފެންވަރުގައި ޗައިނާއަށް ކަރިމަތިކުރަމުންދާ ފިއްތުންތަކާއި ގުޅިގެން އެގައުމުގެ ކޮމިއުނިސްޓް ސަރުކާރުންވަނީ ޝީންޖިއާންގް ސަރަހައްދު ވަރަށް ބޮޑަށް ބަންދުކޮށްފައެވެ. މީޑިއާއަށްވެސް އެސަރަހައްދަކަށް ނުދެވެއެވެ.
އދގެ ސްޕެޝަލް ރެޕުއާ ވިދާޅުވީ ޝީންޖިއާންގްގައި ކަންހިނގަމުންދާ ގޮތް ބެއްލެވުމަކީ ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، ޝީންޖިއާންގްއިން ލިބެމުންދާ ރިޕޯޓްތަކާ މެދު ކަންބޮޑުވާންޖެހޭ ސަބަބުތަކެއްވެސް އެބަހުރި ކަމަށެވެ.
ކަންމިހެން އޮތްނަމަވެސް، ފެބުރުވަރީ މަހުގެ ހުށަހެޅުމަށް ޗައިނާއިން އަދިވެސް އިޖާބަ ދީފައިނުވާކަން ޑރ.ޝަހީދު ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރުކަންވެސް ކުރިން ކުރައްވާފައިވާ ޑރ.ޝަހީދަކީ، ހައްދުފަހަނައަޅާ ދިއުމާއި ދެކޮޅަށް ޗައިނާއިން ފަށާފައިވާ މަޝްރޫއާއި ގުޅިގެން ކަންބޮޑުވުންފާޅުކުރައްވާ، މިދިޔަ ނޮވެމްބަރު މަހު ޗައިނާއަށް ލިޔުއްވި އދގެ އިންސާނީ ހައްގުތަކާއި ބެހޭ ތަޖުރިބާކާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.