ޕާކިސްތާނުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، އެނބުރި ދިއްލީއަށް ވަޑައިގަންނަވާނެ ކަމަށް ޕާކިސްތާނުން ހާމަކޮށްފިއެވެ.

ޕާކިސްތާނުގެ މަންދޫބު އިސްލާމްއާބާދުގައި މިވަގުތު ހުންނެވީ ޕުލްވާމާ ހަމަލާއާ ގުޅިގެން މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަށް ކަމަށްވެސް ޕާކިސްތާނުން ބުނެއެވެ.

ޕާކިސްތާނުގެ ހާރިޖިއްޔާގެ ތަރުޖަމާނު މުޙައްމަދު ފައިސަލް ވިދާޅުވީ، މިމަޝްވަރާތަކަކީ ނިއުކްލިއާ ބާރުވެރިކަން ލިބިފައިވާ ދެ އަވަށްޓެރިންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ސުލްހަވެރި ހައްލެއް ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މަޝްވަރާތަކެއް ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ ޕާކިސްތާނުގެ ވަފުދެއް މާޗް 14 ވަނަ ދުވަހު ދިއްލީއަށް ދަތުރުކުރައްވާނެ ކަމަށާއި، އެއާއި ވިދިގެން މާޗް 28 ވަނަ ދުވަހު އިންޑިއާގެ ވަފުދެއް އިސްލާމްއާބަދަށްވެސް ދަތުކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުތަކަކީ ޕާކިސްތާނާއި އިންޑިއާ ހިއްސާކުރާ ސަރަހައްދީ އިމުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ސުލްހަވެރި ހައްލެއް ހޯދުމާއި ބެހޭ ލިޔެކިއުންތަކުގެ ދެލިކޮޕީއެއް އެކުލަވާލުމަށް ކުރިއަށްދާނެ މަޝްވަރާތަކެއް ކަމަށްވެސް ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

ދެ ހަފުތާއެއްހާ ދުވަހަށް ދެމިގެންދިޔަ ވަރުގަދަ ހަމަނުޖެހުންތަކަކަށްފަހު އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިން މިހާރު އޮތީ ހިސާބަކަށް ހިމޭންވެފައިކަމަށް ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.