ލ.ފޮނަދުއަށް އުފަން އުމުރުން އެންމެ ހަ އަހަރުގެ މަރިޔަމް ފަރްހީނަކީ ބޮޑުބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ކުޑަ ކުއްޖެކެެވެ. ފަރްހީންގެ އުމުރުން ހަ އަހަރު ކަމުގައިވީ ނަމަވެސް ބަލާބެލުމަށް ދެއަހަރުގެ ކުއްޖަކާއި ވައްތަރެވެ. އަދި ބަރުދަނުގައި ހުންނަނީ އެންމެ ނުވަ ކިލޯއެވެ.

އާއިލާގައި އިތުރު ހަ ކުދިން ތިބުމާއެކު ފަރްހީން ބައްޕަ، މުހައްމަދު ރަޝީދަށް ލިބޭ ކުޑަ މުސާރައިން ދިރިއުޅުމުގެ ހަރަދު ކެނޑުމަށް ފަހު ފަރްހީންގެ ބައްޔަށް ފަރުވާ ކުރާނެހާ މާލީ ތަނަވަސްކަމެއް އާއިލާއަށް ލިބިގެނެއް ނުވާ ކަމަށް އާއިލާއިން ބުނެއެވެ.

އަދި މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން މިހާރު ފަރްހީންގެ ބޭސް މެދުކެނޑިފައ ިވާކަމަށްވެސް ބުނެއެވެ. ފަރްހީނަށް ވަނީ ހިނގާބިނގާވެ އުޅުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައެވެ.

އުމުރުން އެންމެ އަށް މަހުން ފެށިގެން ފަރްހީން މާ ބޮޑަށް ބަލިވާތީ ޑޮކްޓަރަށް ދެއްކީ ލ.ގަމުގެ ހޮސްޕިޓަލަށެވެ. އުމުރުން ތިން އަހަރު ވާންދެން ގަމު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމުންވެސް އަސްލު ބައްޔަކީ ކޮބައިކަން އެނގޭގޮތް ނުވުމުން ލޯނެއް ނަގައިން މާލެ ދިޔަ ކަމަށް ފަރްހީންގެ އާއިލާއިން ބުނެއެވެ.

އާއިލާއިން ބުނާ ގޮތުގައި ފަރްހީންގެ ސީރިއަސް ސިއްހީ ބަލިތަކެއް ހުރިކަން އެނގުނީ މާލޭން ޑޮކްޓަރަށް ދެއްކުމުންނެވެ. ނަމަވެސް އަސްލު ބަލި ދެނެގަނެވުނީ އިންޑިޔާއަށް ތިންވަނަ ފަހަރަށް ދިއުމުން ކަމަށާއި އެއީ މިދިޔަ އަހަރު މެދުތެރޭގައި އިންޑިޔާގެ ކިމްސް ހޮސްޕިޓަލަށް ދައްކާ ހެދި ޓެސްޓުތަކަކަށް ފަހު ކަމަށް ވެސް ފަރްހީންގެ އާއިލާއިން ބުނެއެވެ.

ފަރްހީނަށް ދިމާވެފައި ވަނީ ހެދިބޮޑުވުމުގެ މައްސަލަ ތަކެކެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ކަށީގެ ސައްބީސް ބައެއް މަދުވުމުގެ ސަބަބުން ގްރޯތް ހޯމޯންސް މަދުވަނީއެވެ. މިކަމުގެ ފަރުވާއަށް ފަރްހީނަށް 12 އަހަރު ފުރެންދެން ކޮންމެ ދުވަހަކު އިންޖެކްޝަނެއް ޖެހުމުގެ އިތުރުން އަހަރަކު ދެފަހަރަކު ފަރުވާއަށް އިންޑިޔާއަށް ދާން ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ވެއެވެ.

މީގެ އިންޖެކްޝަނެއްގެ އަގަގީ އިންޑިޔާގެ 12،000 ރުޕީސް ކަމަށާއި ފަރްހީންގެ ފަރުވާގެ ހަރަދުތަކަށް ބަލާއިރު ގާތްގަނޑަކަށް އަހަރަކު 80،000 ދިވެހި ރުފިޔާ ހޭދަވާނެ ކަމަށް ފަރްހީންގެ މަންމަ އާމިނަތު ނަސްވާ ލަފާކޮށްފައި މައުލޫމާތު ދިނެވެ.

"މިހާރު ޑޮކްޓަރުން އަންނަން ބުނި ދުވަސް ފާއިތުވިތާ ކިތަންމެ ދުވަހެއް" ފަރްހީންގެ މަންމަ ފުންނޭވާއެއް ދޫކޮށްލާފައި އަސަރާއެކު ބުންޏެވެ.

އާސަންދައިން އެހީތެރިކަމެއް ފޯރުކޮށް ދިނީ އެންމެ ފުރަތަމަ އިންޑިޔާއަށް ދިޔަ ފަހަރު އެކަނި ކަމަށާއި، އެންސްޕާ މެދުވެރިކޮށް އިންޖެކްޝަން ރާއްޖެ ގެނައުމަށް އާސަންދައިން ބުނާކަމަށް ކުއްޖާގެ މަންމަ ބުނެއެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ހޮސްޕިޓަލެއްގައި މި ބައްޔަށް ފަރުވާ ކޮށްދެވޭނެ ސްޕެޝަލިސްޓެއް ނެތި އެވަރު ކުޑަކުއްޖަކަށް ފަރުވާދޭން އެއްބަސް ވެފައެއް ނުވެއެވެ.

"އަބަދުވެސް ބުނާނެ މަންމާއޭ! ފަރުއްކޮ ކީއްވެހޭ ކުލާހުގަ އެންމެ ކުޑައީ؟ ފަރުއްކޮ ދެން އަބަދު ހުންނާނީ މިހެން ހޭ؟ ބޮޑެއް ނުވާނެހޭ؟ ކޮއްކޮ އަބަދު ބަލި ވަނީ ކީއްވެ ހޭ؟ ކޮއްކޮ މަރުވާން އުޅެނީހޭ؟" ފަރްހީންގެ ޝަކުވާތައް ނަސްވާ ކިޔައިދިނީ އަސަރާ އެކުގައެވެ.

"އެކަހަލަ ޝަކުވާ އިވޭ ގަޑިތަކުގައި މި މަންމަ ވަރަށް ދެރަވޭ، ވަރަށް އަސަރު ކުރޭ، ލޮލުން ކަރުނަ ނުހިކޭ ނަމަވެސް ފަރުހީނަށްޓަކައި ވަރަށް ހިތްވަރު ކުރަން. އެވަރުގެ ކުއްޖަކު އެހެން ކިޔާއިރު މައެއްގެ ހިތަށް ކުރާނެ އަސަރު ވިސްނަވާ. އެކުއްޖާއަށް ވިސްނޭގޮތުން އެކުއްޖާގެ ހިނިތުންވުމާއި މުސްތަގުބަލު ވަނީ ބަނަވެފައި"، 'ދަޕްރެސް' އާއި ވާހަކަ ދައްކަމުން ނަސްވާ ބުންޏެވެ.

ފަރްހީނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ފަރްހީންގެ މަންމަ، އައިމިނަތު ނަސްވާ (9968215) އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ނުވަތަ، ބީއެމްއެލް އެކައުންޓަށް (7730000190827) ޓްރާންސްފާއެއް ކޮށްދިނުމަށް އާއިލާއިން އެދެއެވެ.