ޕާކިސްތާނުން ހައްޔަރުކުރިތާ 48 ގަޑިއިރުވެސް ނުވަނީސް މިނިވަކުރި އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ވިންގް ކޮމާންޑަރު އަބީނަންދަން ވަރުތަމަންއަކީ މިއަދު އިންޑިއާގެ ބަތޮލެކެވެ. އޭނާގެ ޝަހްސަކީ އިންޑިއާގެ ގައުމީ ރަމްޒަކަށްވެއްޖެއެވެ. ކުރެހުންތަކާއި، ޕޯސްޓަރުތަކާއި އިސްތިހާރުވެސް މިހާރު ފެންނަނީ އަބީނަންދަންގެ ޝަރަފުގައި ވިހުރެމުންދާތަނެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ފާހަގަކުރެވޭ އެއްކަމަކީ، އިންޑިއާގެ ފިރިހެނުންގެ ތުނބުޅިއާއި މަތިމަހުގެ ފެޝަނަށް އައި ބަދަލެވެ.

ޕާކިސްތާނުން އަބީނަންދަން ހައްޔަރުކުރި ހިސާބުން އާންމުކުރި މަންޒަރުތައް ފެނުމާއިއެކު އެންމެންގެ ލޮލުގައިހެން އަޅައިގަތީ އޭނާގެ އާދަޔާ ހިލާފު މަތިމަހޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ގިނަ މީހުންނަށް މި މަތިމަސް ސިފަވީ ބައިސްކަލެއްގެ ހުންގަނަކާއެވެ. ބަލާބެލުމަށް ކޮންމެފަދަ ސިފައެއްޖެހިކަމުގައި ވީނަމަވެސް، އިންޑިއާގެ ފިރިހެނުން މިއަދު ވިސްނައިގެން ތިބީ އަބީނަންދަންގެ މަތިމަސް ނަކަލުކުރުމަށެވެ.

ސޯޝަލް މީޑިއާގައި އެއިރެއްގައި އެންމެ ވައިގައި ހިފާ މައުލޫތަކަށް ހާއްސަކޮށްގެން އިސްތިހާރުތައް ނެރޭ އިންޑިއާގެ ކިރު ކުންފުނި، އަމޫލްއިންވެސް ވަނީ އެކުންފުނީގެ އިސްތިހާރުތަކުގައި އަބީނަންދަންގެ ބައިސްކަލު ހުންގާނު މަތިމަސް ބޭނުންކުރަން ފަށާފައެވެ.

ބައިސްކަލު ހުންގާނު މަތިމަހަކީ އިންޑިއާއާއަށް މުޅިން އާ ފެޝަނެކޭ ނުދެންނެވޭނެއެވެ. އިހުޒަމާނުގެ ބޮލީވުޑް ފިލްމުތަކަށް ބަލާއިރު، ނުބައިބައިކުޅޭ މީހުންނާއި ޕޮލިސް އޮފިސަރުން މުޅިހެން ބަހައްޓާފައި ހުންނަނީ ބައިސްކަލު ހުންގާނު މަތިމަހެވެ. މިއަދު މި ފެޝަނަށް މަތިމަސް ބެހެއްޓުމަކީ ބަތޮލެއްގެ ދަރަޖަ ލިބޭ ވަރުގެ ކަމަކަށް އޮތީ ވެފައެވެ.

އިންޑިއާގެ ފިރިހެނުންދަނީ އަބީނަންދަންގެ މަތިމަހުގެ ހަގީގީ ހައްގުވެރިއަކީ ކޮބައިތޯ ބެލުމަށް މުބާރާތްތައްވެސް ބާއްވަމުންނެވެ.